ވޫހާން (ޑިސެމްބަރު 28) - ވޫހާންގައި ކޮރޯނާވައިރަސް ފެތުރޭކަން ރިޕޯޓްކުރި ސިޓިޒަން ޖާނަލިސްޓް ޒަންގް ޒާންގް ހަތަރު އަހަރަށް ޖަލަށްލައިފި އެވެ.
އުމުރުން 37 އަހަރުގެ ކުރީގެ ގާނޫނީ ވަކީލް ހައްޔަރުކޮށްފައި ވަނީ މެއި މަހު އެވެ. އޭގެ ފަހުން އޭނާ ދިޔައީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. ޒާންގެ ވަކީލުން ބުނެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ވަރަށް ގޯސް ކަމަށެވެ.
ޒާންގުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ކުށެވެ. މިއީ ޗައިނާގައި އާއްމުކޮށް އެކްޓިވިސްޓުންގެ މައްޗަށް ކުރާ ތުހުމަތެވެ.
ޗައިނާގައި މިނިވަން މީޑިއާއެއް ނެތުމުން، ވޫހާންގައި ފެތުރޭ ބަލިމަޑުކަން ރިޕޯޓްކުރުމަށް އެ ސިޓީ އަށް އޭނާ ދިޔައީ ފެބްރުއަރީ މަހު އެވެ. ލައިވްސްޓްރީމްކޮށް، ސޯޝަލް މީޑިއާގެ އެކި ވަސީލްތައް މެދުވެރިކޮށް ވޫހާންއާ ބެހޭ މައުލޫމާތު އޭނާ ދިޔައީ ހިއްސާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން އޭނާ އަށް ވަރަށް ބޮޑަށް ލިބުނެވެ.
ޒާންގް ބުނެފައި ވަނީ އޭނާ ވޫހާން އަށް ދިޔައީ އެ ސިޓީގެ ހާލަތާ ގުޅޭ ގޮތުން އެތަނުގައި ދިރިއުޅޭ މީހަކު ކުރި އޮންލައިން ޕޯސްޓަކާ ގުޅިގެން ކަމަށެވެ. ވޫހާން އަށް ގޮސް ޒާންގް ދިޔައީ އެ ސިޓީގެ މަގުތަކުންނާއި ހޮސްޕިޓަލްތަކުން ފެނުނު މަންޒަރުތައް ވީޑިއޯ ކުރަމުންނެވެ.
ޗައިނީޒް ހިއުމަން ރައިޓްސް ޑިފެންޑާސް (ސީއެޗްއާރުޑީ) އިން ބުނެފައި ވަނީ ޒާންގް ގެއްލިފައި ވަނީ މެއި 14 ގައި ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ވަނީ ޝެންހާއީގެ ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށް ބުނެފަ އެވެ.