ކުއާލަ ލަމްޕޫރު (ފެބްރުއަރީ 12) - މެލޭޝިއާގައި ކޮވިޑް ވެކްސިން ދޭން ފެށުމުން، އެ ގައުމުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ދޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މެލޭޝިއާގެ ކޮވިޑް-19 ވެކްސިން ސަޕްލައި އެކްސެސް ގެރެންޓީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޕްރޮގްރާމް ކާމިޔާބުވާނީ އެ ގައުމުގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހައިގެން ކަމަށެވެ.

"ބޭރުގެ މަސައްކަތްތެރިންނަކީ ވެސް މުޖްތަމައުގެ މުހިންމު ބައެއް. އަދި އެ މީހުންގެ ފަރާތުން އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރޭ،" ކޮމިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ. "މި ބަލިމަޑުކަމުގެ ތެރޭގައި އެންމެންނަށް ވެސް ވެކްސިން ދިނުމަކީ އިންސާނިއްޔަތަށް ވެސް ކޮށްދެވޭ ބޮޑު އެހީތެރިކަމެއް."

ކޮމިޓީން ބުނީ މެލޭޝިއާގައި ދިރިއުޅޭ ބިދޭސީން ނިސްބަތްވާ ބައެއް ގައުމުތަކުން ހިލޭ ވެސް ވެކްސިން ފޯރުކޮށްދީފައިވާ ކަަމަށެވެ. އަދި މެލޭޝިއާގައި ވެކްސިން ޖަހަން ޖެހޭ މީހުންނަށް ވުރެ އެ ގައުމަށް ލިބިފައިވާ ވެކްސިން ޑޯޒްތައް އިތުރުވުމަކީ ވެސް ބިދޭސީންނަށް ހިލޭ ވެކްސިން ދޭން ނިންމި ސަބަބެއް ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.

ބޮޑުވަޒީރު މުހްޔިންދީން ޔާސީން ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ މެލޭޝިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ދޭނީ ހިލޭ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖްބޫރު ނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ކެބިނެޓުން މިހާރު ނިންމާފައި ވަނީ މެލޭޝިއާގައި ބިދޭސީ ބޮޑު އާބާދީއެއް ދިރިއުޅޭ އިރު އަދި ބިދޭސީންގެ ތެރޭން ވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން ދާއިރު ބިދޭސީންނަށް ވެސް ވެކްސިން ހިލޭ ޖެހުމަށެވެ. މެލޭޝިއާގައި އިމާރާތް ކުރުމާއި ދަނޑުވެރިކަން އަދި މެނުފެކްޗާރިން ސެކްޓަރުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރެ އެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ވަނީ ކޮވިޑްގެ ކްލަސްޓާތައް އުފެދިފަ އެވެ.

މެލެޝިއާގެ ހެލްތު މިނިސްޓަރު އާދަމް ބާބާ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މި މަހު ފަހުކޮޅު ލިބޭނެ ކަމަށެވެ. މެލޭޝިއާގައި ވެކްސިން ދިނުމުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 26 ގަ އެވެ. ފުރަތަމަ ވެކްސިން ދޭނީ ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ 7،000 މީހުންނަށެވެ.

ނޮވެމްބަރު މަހު މެލޭޝިއާ އިން ވަނީ ފައިޒާގެ ވެކްސިންގެ 12.8 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވެފަ އެވެ. ޖެނުއަރީ މަހު ވަނީ ފައިޒާގެ ވެކްސިންގެ އިތުރު 12.2 މިލިއަން ޑޯޒް ގަންނަން އެއްބަސްވެފަ އެވެ. ރަޝިޔާގެ ސުޕްޓިނިކް-ވީ ވެކްސިން އާއި ޗައިނާގެ ސިނޮވެކް ވެކްސިންގެ 18.4 މިލިއަން ޑޯޒް ގަތުމަށް ވެސް މެލޭޝިއާ އިން ވަނީ އެއްބަސްވެފަ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 254,988 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 936 މީހުން މަރުވެފަ އެވެ.