ނިއު ދިއްލީ (މެއި 1) - މާ އަވަހަށް ފެތުރޭ ކޮރޯނާވައިރަހުގެ ވޭރިއަންޓެއް އިންޑިއާގައި ފެތުރޭކަމުގެ އިންޒާރު ސައެންޓިފިކް އެޑްވައިޒަރުންގެ ގްރޫޕަކުން މާޗު މަހު ކުރީކޮޅު ދީފައިވާ ކަމަށް އޭގެ ތެރޭން ބައެއް ސައެންސްވެރިން ބުނެފި އެވެ.
އެ އިންޒާރު ދިން ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މައި ސަރުކާރުން އަޅާފައި ނުވާ ކަމަށް ވެސް ސައެންސްވެރިން ބުނެފައިވެ އެވެ.
މާސްކް ވެސް ނާޅައި އެތައް މިލިއަން ބަޔަކު ވަނީ ދީނީ ފެސްޓިވަލްތަކާއި ސިޔާސީ އެއްވުންތަކުގައި ބައިވެރިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި ދެ ވަނަ އަށް އެންމެ ބައިބޯ ގައުމުގައި ދެވަނަ ރާޅާ އެކު ކޮވިޑް ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ. ސައެންސްވެރިން ބުނެފައި ވަނީ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވެފައި ވަނީ އާ ވޭރިއަންޓްތަކުގެ ސަބަބުން ކަމަށެވެ. ހުކުރު ދުވަހު އެކަނިވެސް ވަނީ 386،452 މީހުން ޕޮޒިޓިވްވެފަ އެވެ. ވޭތުވެދިޔަ 10 ވަރަކަށް ދުވަހު އިންޑިއާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ރޭޓް އުޅެނީ ތިން ލައްކައިން މަތީގަ އެވެ.
އިންޑިއާގައި ކޮވިޑްގެ ބޮޑު ރާޅެއް ނަގާކަމުގެ އިންޒާރު ސައެންސްވެރިން ދީފައި ވަނީ އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސީދާ ބައްދަލުވެވޭ އޮފިޝަލުން ކަމަށް ވެސް ސައެންސްވެރިން ބުނެފައިވެ އެވެ.
އިންޑިއަން ވޭރިއަންޓެއްގެ ގޮތުގައި ލެބްތަކަށް ބީ1617 ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ ފެބްރުއަރީ މަހު ކުރީކޮޅު އެވެ. ސައެންސްވެރިންނާއި ލެބްތަކުގެ ހޯދުންތައް ވަނީ ހެލްތު މިނިސްޓްރީގެ ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) އާ މާޗް 10 ގެ ކުރިން ހިއްސާކޮށްފަ އެވެ. އަދި ގައުމުގެ ބޮޑު ބައެއްގައި އާދަޔާޚިލާފަށް ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރުދީފައިވެ އެވެ.
އިންޑިއަން ވޭރިއަންޓް މިހާރު ވަނީ 17 ގައުމަކުން ފެނިފަ އެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އިންޑިއާގެ މަތިންދާ ބޯޓުތަކަށް ބޯޑަރު ބަންދުކޮށްފަ އެވެ.