ދުނިޔެ / ޗައިނާ

ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފަޅުވެރިން ފުރައިފި

ޗައިނާގެ ޖައްވީ ސްޓޭޝަންގެ ފަޅުވެރިންގެ ފުރަތަމަ ޓީމު ވަނީ ޖައްވީ ސްޓޭޝަނަށް ދިޔުމަށް މިއަދު ހެނދުނު ފުރާފައި.

17 ޖޫން 2021 - 11:50

2 comments

މިހާރު ދުނިޔެ ވަށައިގެން ބުރުޖަހަމުން އަންނަ، ޗައިނާގެ ޖައްވީ ސްޓޭޝަންގެ ފަޅުވެރިންގެ ފުރަތަމަ ޓީމު، ޖައްވީ ސްޓޭޝަނަށް ދިޔުމަށް މިއަދު ހެނދުނު ފުރައިފި އެވެ.

ޖައްވީ ސްޓޭޝަނަށް ދާ ފަޅުވެރިންގެ ފުރަތަމަ ޓީމުގައި ހިމެނެނީ ތިން ފިރިހެން އެސްޓްރޮނޯޓުންނެވެ. ނީ ހައިޝެންގް، ލިއު ބޮމިން އަދި ޓަންގް ހޮންގްބޯ، ތިން މަސްދުވަހު ޖައްވީ ސްޓޭޝަންގައި ހޭދަކުރާނެ އެވެ. މި ތިން އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނަށް ފުރީ، ޝެންޒޫ-12 ނަމަކަށް ކިޔާ އުޅަނދެއްގަ އެވެ. މި އުޅަނދު ބިމުން ޖައްވަށް އުދުއްސައިލީ، ދިގު ރޮކެޓެއްގެ ކުރީގައި ލައިފަ އެވެ.

ޗައިނާ އިން ޖައްވަށް މިއަދު ފެށި ތާރީޚީ ދަތުރަކީ، އެހެން ގައުމެއްގެ އެހީތެރިކަމަށް ބަރޯސާ ނުވެ، ޖައްވީ ދިރާސާތަކުގައި ހުޅަނގުގެ ގައުމުތަކާ ވާދަކުރުމުގައި، ޗައިނާ އަށް ލިބުނު ވަރަށް ބޮޑު އިތުބާރަކަށް ވާނެ އެވެ.

ޗައިނާގެ ޖައްވީ ފަޅުވެރިން ގޮވައިގެން ދަތުރުކުރާ އުޅަނދު ޖައްވަށް ފުރުވައިލީ، ޗައިނާގެ ގޯބީ ސަހަރާގެ ތެރޭގައި ހަދާފައި ހުރި، ޖިއުގުއާން ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ. ފަޅުވެރިން ގޮވައިގެން ދަތުރުކުރާ އުޅަނދު، ޗައިނާގެ ޖައްވީ ސްޓޭޝަންގައި ބަނދަރު ކުރާނެ ކަމަށް ލަފާކުރަނީ، ފުރިތާ ހަ ގަޑިއިރު ފަހުންނެވެ.

މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ޗައިނާ އިން ވަނީ އެގައުމުގެ ޖައްވީ ދިރާސާތަކުގައި މުހިންމު ކުރިއެރުންތަކެއް ހާސިލްކޮށްފަ އެވެ. އެ ގޮތުން ހަނދަށް ފޮނުވި އުޅަނދެއްގެ އެހީގައި، ހަނދުގެ ވެލިކޮޅުތަކަކާއި ހިލަކޮޅުތަކެއް ވަނީ ބިމަށް ގެނެސްފަ އެވެ. އަދި މާސް އަށް ފޮނުވި އުޅަނދެއް ވަނީ ކާމިޔާބުކަމާ އެކު މާސްގެ ބިމަށް ތިރިކޮށްފަ އެވެ.

ފަޅުވެރިންގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ، ޗައިނާގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް"ގެ މައި ޖަގަހަކަމަށްވާ ޓިއަންހޭ މޮޑިއުލް ބޭނުން ހިފޭ ގޮތަށް ހިދުމަތަށް ތައްޔާރު ކުރުމެވެ. އޭގެ އިތުރުން ތިން ފަޅުވެރިންގެ ތެރެއިން ދެ ފަޅުވެރިއަކު، ދެފަހަރެއްގެ މަތިން ޖައްވީ ސްޓޭޝަނުން ބޭރަށް ނުކުމެ، ޓިއަންހޭ މޮޑިއުލްގެ ބޭރުގައި ހުރި ބައެއް އާލާތްތައް ބޭނުންކުރެވޭ ގޮތް ހަދާނެ އެވެ. މިކަމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. ޓިއަންހޭ މޮޑިއުލްގެ އިތުރުން ޖައްވީ ސްޓޭޝަންގައި ދެން ހިމެނޭ ދެ ޖަގަހައަކީ، ވެންޓިއަން މޮޑިއުލް އާއި މެންގްޓިއަން މޮޑިއުލެވެ.

މި ދަތުރުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ނިއޭ ހައިޝިން، ދަތުރަށް ފުރަމުން ބުނީ މި ދަތުރާ މެދު އޭނާގެ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ، ޖައްވުގައި އަހަރެމެން ދިރިއުޅޭނެ އާ ގެދޮރެއް ތައްޔާރުކުރުން. އޭގެ އިތުރުން ވަރަށް ގިނަ އާ ޓެކްނޮލޮޖީތަކުގެ އަޖުމަބެލުން ވެސް އެބަ އޮތް. އެހެންވީމާ، ދަތުރަކީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ވަރަށް ގިނަ ދަތުރެއް. އަހަރެމެން ތިން މީހުން ގުޅިގެން، ބަރާބަރަށް މަސައްކަތް ކޮށްލައިފިއްޔާ އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ. މި ދަތުރު ކާމިޔާބު ކުރެވޭނެ ކަމުގެ އިތުބާރު އެބަ އޮތް."

ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" ޖައްވުގެ ތެރޭގައި ރާވައި ނިމޭއިރު އޭގައި ހިމެނޭނެ ތިން މޮޑިއުލްގެ ތެރެއިން، 16.6 މީޓަރު ދިގު އަދި 4.2 މީޓަރު ފުޅާ ޓިއަންހޭ މޮޑިއުލް، ޖައްވަށް ގެންދިޔައީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މި މޮޑިއުލްގައި، ފަޅުވެރިން ދިރިއުޅޭނެ ޖާގަ އާއި ސައެންސް ލެބޯޓެރީތަކާއި، ޖައްވުގެ ތެރެ ބެލުމަށް ހާއްސަ، ޖައްވީ ދުރުމިއެއް ހުންނާނެ އެވެ. މިއީ ހަބްލް ޖައްވީ ދުރުމިއާ އެއް ފެންވަރުގެ އެއްޗެކެވެ.

ޗައިނާގެ ޖައްވީ ސްޓޭޝަންގެ އެކި ބައިތައް، ޖައްވުގެ ތެރޭގައި އެކަތި އަނެކައްޗާ ގުޅުވައި މުޅިން ފުރިހަމަ ކުރުމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ. ޖައްވީ ސްޓޭޝަންގެ އިތުރު ބައިތައް، އެ ސްޓޭޝަނަށް ގެންދާނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ސްޓޭޝަނަށް ކުރާ އިތުރު ދަތުރުތަކުގަ އެވެ. މި ދަތުރުތަކުގައި، ޖައްވީ ސްޓޭޝަނަށް ފޮނުވާ އިތުރު ފަޅުވެރިން ގެންދިޔުމާއި، ސްޓޭޝަނަށް ބޭނުންވާ އެހެން މުދާ ގެންދިއުން ވެސް އޮންނާނެ އެވެ.

މިއަދު ފުރި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ޖައްވީ ސްޓޭޝަންގައި ފަޅުވެރިން ތިބޭ އިރު ބޭނުންވާނެ އެހެން ސާމާނުތައް، މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ސްޓޭޝަނަށް ފޮނުވި ކުޑަ އުޅަނދެއްގައި ގެންގޮސްފަ އެވެ. އެ އުޅަނދު މިހާރުވެސް ޖައްވީ ސްޓޭޝަންގައި ބަނދަރުކޮށްފައި އޮތް އިރު، އޭގައި ހުރި ހުރިހާ ސާމާނެއް ޖައްވީ ސްޓޭޝަނަށް ބާލާނީ، މިއަދު ފުރި ފަޅުވެރިން ޖައްވީ ސްޓޭޝަންގައި ބަނދަރު ކުރުމަށް ފަހު އެވެ.

އެ އުޅަނދުގައި ގެންދިޔަ ސާމާނުގެ ތެރޭގައި، މިއަދު ފުރި ފަޅުވެރިން ޖައްވީ ސްޓޭޝަންގެ ބޭރަށް ނުކުމެ މަސައްކަތްކުރާ އިރު ލާން ބޭނުންވާ ޖައްވީ ހެދުން ވެސް ހިމެނެ އެވެ.

އެމެރިކާ އާއި ރަޝިޔާ އާއި ޔޫރަޕް އަދި ކެނެޑާ އާއި ޖަޕާން ގުޅިގެން ކުރިއަށް ގެންދާ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގައި އޭޝިޔާގެ އިތުރު ގައުމުތައް ބައިވެރި ނުކުރާތީ، ޗައިނާގެ ޖައްވީ ސްޓޭޝަން ބިނާކުރަމުން އަންނަނީ ޗައިނާ އަމިއްލައަށެވެ. ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ، ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް މިހާތަނަށް އެކި ގައުމުތަކުގެ 240 އަށް ވުރެ ގިނަ އެސްޓްރޮނޯޓުން ދަތުރުކޮށްފައިވާ އިރު، ޗައިނާގެ އެންމެ މީހަކު ވެސް ނުގެންދެ އެވެ.

ނަމަވެސް ޗައިނާ އިން ބުނި ގޮތުގައި، އެ ގައުމުގެ ޖައްވީ ސްޓޭޝަންގައި އިތުރު ގައުމުތައް ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން ކުރިމަގުގައި ކުރަން ބޭނުންވާ ސައެންޓިފިކް ދިރާސާތައް ޖައްވުގެ ތެރޭގައި ކުރަން ބޭނުންވާ އެކި ގައުމުތަކަށް އެފުރުސަތު ދިނުމަށް ޗައިނާ ތައްޔާރަށް އޮތް ކަމުގައި އެ ގައުމުން ބުނެ އެވެ. އަދި ހަމަ އެފަދައިން އެހެން ގައުމުތަކުގެ މީހުން، ޗައިނާގެ ޖައްވީ ސްޓޭޝަނަށް ގެންދިއުމުގެ ފުރުސަތު ވެސް އޮތީ ފަހިކޮށެވެ.

ޖައްވީ ކަންކަމާ ގުޅޭ ޓެކްނޮލޮޖީ މީގެ ކުރިންވެސް ޗައިނާއާ ހިއްސާކޮށްފައިވާ ރަޝިޔާ އިން ކުރިން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ކޮސްމޮނޯޓުން ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފޮނުވުމުގެ ފުރުސަތު އެބަ އޮތެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމެރިކާ

17 June 2021

ސާބަހޭ ޗައިނާ ދިވެހިންގެ 99ޕަސަންޑު އޮތީ ޗައިނާޔާ އެކު

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

17 June 2021

މަރުހަބާ ޗައިނާ.އިންޑިޔާގެ ވެރިންނަށް ލޮލުފިޔަ ޖެހޭނެ ބާ؟!! ހެހެހެހެހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454