21 ނޮވެމްބަރ 2021 - 18:05
ބާސެލޯނާ (ނޮވެމްބަރު 21) - ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ ކޯޗު ކަމުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި، އަވަށްޓެރި އެސްޕަނިޔޯލާ ވާދަކޮށް 1-0 އިން ކާމިޔާބު ކޮށްފި އެވެ.
ސްޕެނިޝް ލަ ލީގާގެ މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއި އެވެ.
ޒަވީ ވަނީ މި މެޗުގައި، ބާސެލޯނާގެ ޔޫތު ޓީމަށް ކުޅޭ 17 އަހަރުގެ ފޯވަޑް އިލިއާސް އަކޯމެކް ފުރަތަމަ 11 ގައި ކުޅުވައިފަ އެވެ. ޑިޕާއިއާ އެކު މެޗުގައި ޓީމުގެ ކުރިޔަށް ކުޅުނީ އަކޯމެކާއި، 17 އަހަރުގެ ގަވީ އެވެ.
ބާސެލޯނާއިން މެޗުން މޮޅުވި ނަމަވެސް، އެސްޕަނިޔޯލަށް ވަނީ ދެވަނަ ހާފުގައި ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރު ވެފަ އެވެ. އެޓީމުން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.
މިއީ ބާސެލޯނާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަމައެކަނި މެޗެވެ. ލީގު ތާވަލުގެ ނުވަވަނައިގައި އޮތް ބާސެލޯނާ މި މޮޅާ އެކު ވަނީ ތާވަލުގެ ހަވަނައަށް އަރައިފަ އެވެ.
އެތުލެޓިކޯ މެޑްރިޑުން އޮސަސޫނާއާ ވާދަކޮށް 1-0 އިން ކާމިޔާބު ކުރިއިރު، ސެވިއްޔާ ވަނީ 2-2 އިން އަލާވެސްއާ އެއްވަރުކޮށް، އެއްވަނައިގައި އޮތް ރިއާލް ސޮސިއެޑާޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ.
ޒަވީއާ އެކު ބާސެލޯނާ ދެން ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށެވެ. އެއަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy