ޕޮޕާލް (ކ)، އަދި ކިމް (ވ). --
19 ނޮވެމްބަރ 2021 - 14:56
ލަންޑަން (ނޮވެމްބަރު 19) - އަފްގާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން އެ ގައުމުގެ އަންހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އިނގިރޭސި ވިލާތަށް ގެންގޮސްފި އެވެ.
އެ ގައުމުގެ 13 އަހަރާއި 19 އަހަރާ ދެމެދުގެ 30 ކުދިންނާއި އެ ކުދިންގެ އާއިލާތަކާ އެކު 130 މީހުން ޕާކިސްތާނު މަގުން އިއްޔެ އިނގިރޭސި ވިލާތަަށް ގެންދިޔައީ އެމެރިކާގެ މަޝްހޫރު ރިއާލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އެވެ.
ރެފިއުޖީންގެ ގޮތުގައި ގެނައި އަފްގާނިސްތާނު ކުޅުންތެރިންނާއި އެކުދިންގެ އާއިލާތައް ދެން އުޅޭނީ އިނގިރޭސި ވިލާތުގައި ކަމަށާއި އެންމެނަށް ވެސް މިހާރު ވަގުތީ ވިސާ ހަމަޖެހިފައިވާ ކަމަށް ކިމްގެ ތަރުޖަމާނަކާ ހަވާލައިދީ ނިއު ޔޯކުގެ ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކުރެއެވެ.
މި ކުޅުންތެރިން އިނގިރޭސި ވިލާތަށް ދިއުމާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ލީޑްސް ޔުނައިޓެޑުގެ ޗެއާމަން އަންޑްރޭ ރަޑްރިޒާނީ ވަނީ އެ ކުޅުންތެރިންނަށް އެހީވާނެކަމަށް ބުނެ ޓްވީޓެއް ވެސް ކޮށްފަ އެވެ.
ތާލިބާނުގެ ސަރުކާރުން އެ ގައުމުގެ އަންހެނުންގެ ހައްގު ތަކަށް އިހުތިރާމު ކުރަން އެއްބަސްވީ ނަމަވެސް، ފަހުން ވަނީ އެގައުމުގެ އަންހެނުން ކުޅިވަރު ކުޅުން މަނާކޮށްފަ އެވެ. އަދި ހަރުކަށި އުސޫލުތައް ތާލިބާނު ސަރުކާރުން އަންނަނީ އެގައުމުގައި ތަންފީޒު ކުރަމުންނެވެ.
އަފްގާނިސްތާނުގެ ބައެއް ޒުވާން އަންހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް ދިރިއުޅުނު ހިރާތު ޕްރޮވިންސުގެ ގެތަކަށް ތާލިބާނުން ވެރިވެގަނެ، ގެތަކުގައި ހުޅު ޖަހައި ސުންނާފަތި ކޮށްފައިވާ ކަމަށް މީގެ ކުރިން އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ޚާލިދާ ޕޮޕާލް ވަނީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
ތާލިބާނުން އެ ގައުމަށް ވެރިވެގަތުމާ އެކު، ޑެންމާކުގައި ދިރިއުޅޭ ޚާލިދާ ޕޮޕާލް ވަނީ، ތާލިބާނުންގެ އުނދަގުލެއް ނުޖެހެނީސް އަފްގާނު އަންހެން ކުޅުންތެރިން އެ މީހުންގެ ހުރިހާ ޖޯޒީތަކެއް އަންދާލަން ގޮވާލައިފަ އެވެ.
އަފްގާނިސްތާނުގެ ކުޅުންތެރިން އިނގިރޭސި ވިލާތަށް ގެނައުމަށް ފަހު އޭނާ ބުނީ، އަބަދުވެސް ދިޔައީ އަންހެން ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރަމުން ކަމަށާއި، ޖޯޒީ ލުމުގެ ހައްގު އެކުދިންނަށް ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް އެޖޯޒީތައް ނައްތާލަން ގޮވާލަން ޖެހުމުން ހިތާމަކުރި ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން އަންހެން ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި ޕޮޕާލް އަކީ މިހާރު އަންހެން ގައުމީ ޓީމުގެ ޑިރެކްޓަރެވެ.
އިޓަލީގެ ސޯޝަލް ފުޓްބޯލް ސަމިޓުން މިދިޔަ ބުދަ ދުވަހު ބޭއްވި ފުޓްބޯލް ސަމިޓް އެވޯޑްސްގައި ޕޮޕާލް އަށް ވަނީ، ރީޖިއޯން ލާޒިއޯ އޯގަނައިޒޭޝަނުން ދޭ، ލީޑާސް އިން ސޯޝަލް ރެސްޕޮންސިބިލިޓީ އެންޑް އިމްޕެކްޓް އެވޯޑު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިންނު
19 November 2021
ޝުކުރިއްޔާ ކިމް.