ފެބްރިގާސް ކޯމޯ އަށް ސޮއިކުރުމަށް ފަހު ޓީމުގެ ޖޯޒީ ހިފައިގެން.-- ފޮޓޯ: ކޯމޯ
02 އޯގަސްޓް 2022 - 11:59
ބާސެލޯނާ (އޮގަސްޓް 2) - ކުރިން އާސެނަލް އާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް، ހިލޭ ޓްރާންސްފާގައި އިޓަލީގެ ދެ ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ކޯމޯ އަށް ސޮއި ކޮށްފި އެވެ.
ހިލޭ ޓްރާންސްފާގައި ފެބްރިގާސް ކޯމޯ އަށް ބަދަލުވީ ދެ އަހަރުދުވަހުގެ މުއްދަތަކަށް، ޖޫން 2024 ގެ ނިޔަލަށެވެ. އޭނާ ވަނީ ޗެލްސީ ދޫކޮށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ އޭއެސް މޮނާކޯއަށް ބަދަލުވެ، އެ ޓީމުގައި ހަތަރު ސީޒަން ކުޅެދީފަ އެވެ.
ކޯމޯ އަކީ 2020/21 ސީޒަނުގައި އިޓަލީގެ ތިންވަނަ ޑިވިޝަން، ސެރީ ސީ ގެ ޗެމްޕިއަންކަން ހޯދައި، މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަނަށް ކޮލިފައިވި ޓީމެެވެ. މިދިޔަ އަހަރުގެ ސެރީ ބީ ގައި ކޯމޯ ނިންމީ ލީގުގެ 13 ވަނައިގަ އެވެ. އެޓީމު ވަނީ މީގެ ކުރިން އެއް ސީޒަނުގައި، 2002/2003 ގައި ސެރީއޭ ގައި ކުޅެފަ އެވެ.
އުމުރުން 35 އަހަރުގެ މިޑްފީލްޑަރު އެމެރިކާގެ މޭޖާ ލީގް ސޮކާގެ ޓީމަކަށް ބަދަލުވާން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، ކޯމޯ އަށް ސޮއި ކުރުމަށް ފަހު ފެބްރިގާސް ބުނީ، އެމެރިކާ ލީގަކީ އަކީ އޭނާގެ ކެރިއަރުގެ ރޭވުންތަކުގައި ހިމެނޭ ލީގެއް ނޫން ކަމަށާއި، އޭނާ ބޭނުންވަނީ ޔޫރަޕުގައި ކުރިއަށް ދާން ކަމަށެވެ.
"އަހަރެންގެ ޝައުގުވެރިކަން ހުރީ ފައިސާއަކަށް ނޫން، އަހަރެން ބޭނުންވީ ފޯރި ގަދަވާނެ ދިގު މުއްދަތުގެ ޕްރޮޖެކްޓެއް. އަހަރެން ބޭނުން ކޯމޯ އަލުން ސެރީއޭ އަށް ޕްރޮމޯޓް ކޮށްދޭން. އަހަރެން މި އައީ ޓީމާ އެކު މެޗުތައް ކުޅެ، މޮޅުވުމުގެ އަޒުމުގައި. އަހަރެން ދެކެނީ މިއީ ދިގު މުއްދަތުގެ ރަނގަޅު މުސްތަގުބަލެއް އޮތް ކުލަބެއް ގޮތުގައި،" ސްޕެއިން އާއެކު ފީފާ ވޯލްޑް ކަޕާއި ދެ ފަހަރު ޔޫރޯ މުބާރާތް ކާމިޔާބުކުރި ފެބްރިގާސް ބުންޏެވެ.
"ކޯމޯ އިން އަހަރެންނަށް ހުށަހެޅީ ހަމައެކަނި ކުޅުންތެރިއެއް ގޮތުގައި ދެ އަހަރުދުވަހުގެ ކޮންޓްރެކްޓެއް ނޫން. މޮނާކޯގައި މިދިޔަ ސީޒަން ވީ ފަސޭހަ ސީޒަނަކަށް ނޫން، އެކަމަކު އެއީ މާޒީ، މިހާރު އަހަރެންގެ ވިސްނުން ހުރީ ކުރިމަގަށް. އަހަރެން އައިސް މިހުރީ ހަމައެކަނި ކުޅޭކަށް ނޫން، ކުޅުމުގެ ކޮންޓްރެކްޓް ހަމަވުމަށް ފަހު ވެސް ކުލަބުގެ ދިގު މުއްދަތުގެ ޕްރޮޖެކްޓުގައި އަހަރެންގެ އެހީތެރިކަން ކުލަބަށް ފޯރު ކޮށްދޭނަން."
ބާސެލޯނާގައި ލަލީގާ އާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، ފެބްރިގާސް ވަނީ ޗެލްސީގައި ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ ޗެލްސީ އާއި އާސެނަލް އާއެކު އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.
ފެބްރިގާސްގެ ސޮއި ހޯދުމަށް ފަހު ކޯމޯގެ ކްލަބް އެޑްމިިސްޓްރޭޓަރު ޑެނިސް ވައިސް ބުނީ، ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ހަމަވުމަށް ފަހު، އޭނާ ވާނީ ކުލަބުގެ ހިއްސާދާރަކަށް ކަމަށެވެ.
"ސެސް (ފެބްރިގާސް) ވާނެ ކުލަބުގެ ދިގު މުއްދަތުގެ މަސައްކަތްތަކުގެ މުހިއްމު ހިއްސާއަކަށް. އަހަރެން ގަބޫލުކުރަނީ މިއީ ވަރަށް ރަނގަޅު ސޮއެއް ކަމަށް. އޭނާއަށް ހުށަހެޅިފައި ވާނީ ހަމައެކަނި ދެ އަހަރު ދުވަހަށް ކުޅުންތެރިއެއްގެ ގޮތުގައި ހުންނާކަށް ނޫން، އެއަށް ފަހު ކުލަބުގެ ހިއްސާދާރަކަށް އޭނާ ވާނެ،" ވައިސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމެއި
02 August 2022
އެމެރިކާއަށް ނުދިޔަައީ އަހަންނަށް މުހިއްމީ ފައިސާ އެއް ނޫނޯ، ކުލަބެއްގެހިއްސާޔޯ... ކިހާ ފައިސާއެއް؟؟؟
ދގދސެފ×
02 August 2022
ފެބްރިގާހަށް 50 އަހަރުވީމާ ރާއްޖޭގެ ދެވަނަ ޑިވިޝަނަށްވެސް އޭނާ ގެންނަންވާނެ.