ޕުއިގް. ބާސެލޯނާގައި އޭނާ އަށް ވަނީ ކޯޗުންގެ އިތުބާރު ހޯދަން އުނދަގޫ ވެފައި.-- ފޮޓޯ: ގެޓީ އިމޭޖަސް
04 އޯގަސްޓް 2022 - 10:00
ބާސެލޯނާ (އޮގަސްޓް 4) - ބާސެލޯނާ އަށް ކުޅޭ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ރިކުއީ ޕުއިގް ދާއިމީ ކޮންޓްރެކްޓެއްގައި އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވެއްޖެ އެވެ.
އަންނަ ހަފްތާ 23 އަހަރު ފުރޭ ޕުއިގް އެލްއޭ ގެލެކްސީއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އޭނާގެ ކޮންޓްރެކްޓުގައި އެއް އަހަރު އޮތް ނަމަވެސް، ކޯޗު ޒަވީ ހެނާންޑޭޒްގެ ޕްލޭން ގައި ނުހިމެނޭކަން ކުޅުންތެރިޔާއަށް ސާފް ކޮށްދީފައިވާތީވެ ބާސެލޯނާއިން ބޭނުންވާ ގޮތަށް ފީއެއް ނުހޯދުނީ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ހަވިއޭ ހެނާންޑޭޒްގެ އިތުރުން ބަޔާން މިއުނިކާއި ޔުވެންޓަސް އަށް ކުޅުނު ޑަގްލަސް ކޮސްޓާ ވެސް މޭޖާ ލީގް ސޮކާގެ ވެސްޓް ކޮންފަރެންސުގައި ކުޅޭ އެލްއޭ ގެލެކްސީ އަށް ކުޅެ އެވެ.
ޒަވީ ވަނީ އޭނާގެ ޕްލޭނުގައި ޕުއިގް ނުހިމެނޭ ކަން މިދިޔަ މެއި މަހު ކުޅުންތެރިޔާއަށް އަންގައިފަ އެވެ. އަދި ޕުއިގްގެ ކުރިމަގާ މެދު ގޮތެއް ނިންމަން ފުރުސަތު ދޭން، ބާސެލޯނާ އިން އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓުއާގައި ވެސް އޭނާ ހިމަނާފައެއް ނުވެ އެވެ.
ޕުއިގް ބާސެލޯނާގެ ލަ މާސިއާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި 2019 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ނަމަވެސް އޭނާއަށް ކުޅުމުގެ މާ ގިނަ ފުރުސަތު ލިބިފައެއް ނުވެ އެވެ. އާނެސްޓޯ ވެލްވާޑޭގެ ކޯޗުކަމުގައި އޭނާ އަށް މަދުން ފުރުސަތު ލިބުނު ނަމަވެސް ކުއިކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން އޭނާ އަށް ލިބޭ ފުރުސަތު ގިނަވި އެވެ.
ސެޓިއެން އަށް ފަހު ހަވާލުވި ރޮނާލްޑް ކޫމަން، ޕުއިގް ގަވާއިދުން ކުޅެން ފުރުސަތު ހޯދަން ލޯނު އުސޫލުން ޓީމަކަށް ދާން ނަސޭހަތްތެރިވި ނަމަވެސް އޭނާ ނިންމީ ޓީމުގައި ހުރެގެން އޭނާގެ މަގާމު ހޯދަން މަސައްކަތް ކުރާށެވެ. އެއަށް ފަހު ޒަވީ ޓީމާ ހަވާލު ވުމުން ވެސް ހާލަތަށް ބަދަލެއް ނައެވެ. އޭނާއަށް މިދިޔަ ސީޒަނުގައި ކުޅެން ލިބުނީ އެންމެ 18 މެޗުގަ އެވެ.
ޒަވީގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިން ވިއްކާލައިގެންނާއި މުސާރަ ކުޑަކޮށްގެން ޓީމުގައި އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހޯދަން ބާސެލޯނާ އިން މަސައްކަތް ކުރެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy