24 މާޗް 2025 - 12:43
ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ޖަރުމަނާއި، ޕޯޗުގަލް އާއި، ސްޕެއިން، އަދި ފްރާންސް ޖާގަ ހޯދައިފި އެވެ.
ޖަރުމަން ފުރުސަތު ހޯދީ ރޭ އިޓަލީއާ 3-3 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 5-4 އިން ކުރި ހޯދައިގެންނެވެ. ޕޯޗުގަލް ސެމީ އަށް ދިޔައީ ރޭ ޑެންމާކް އަތުން 5-2 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 5-3 އިން ކުރި ހޯދައިގެންނެވެ.
ސްޕެއިން އެ ޖާގަ ހޯދީ ރޭ ނެދަލެންޑްސްއާ 3-3 އިން އެއްވަރުވުމުން، އެގްރިގޭޓުން ވެސް 5-5 އިން ހަމަހަމަވެފައިވާތީވެ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ. ފްރާންސް ފުރުސަތު ހޯދީ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ 5-4 އިން ބަލިކޮށްގެންނެވެ. ރޭގެ ދެ ވަނަ ފްރާންސް 2-0 އިން ކާމިޔާބުކުރުމުން އެގްރިގޭޓުން 2-2 އިން އެއްވަރުވީ އެވެ.
ސެމީ ފައިނަލުގައި ޖަރުމަން ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ. އަދި ސްޕެއިން ވާދަކުރާނީ ފްރާންސްއާ އެވެ. ސެމީ ފައިނަލުން ފެށިގެން ފައިނަލާ ހަމަޔަށް މުބާރާތް ކުރިއަށް ދާނީ ޖަރުމަނުގައި، ޖޫން 4 އިން ޖޫން 8 އަށެވެ.
ޑޯޓްމަންޑުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ތިން ގޯލް ޖެހި އެވެ. މި ގޯލްތައް ޖެހީ ޖޯޝުއާ ކިމިޗް، ޖަމާލް މުސިއާލާ، އަދި ޓިމް ކްލެއިންޑިއެންސްޓް އެވެ. ފުރަތަމަ ލެގު 2-1 އިން ޖަރުމަން ކާމިޔާބުކޮށްފައިވާތީވެ، އޭރު ޖަރުމަން އޮތީ އެގްރިގޭޓުން 5-1 އިން ކުރީގަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި އިޓަލީގެ މޮއިސް ކީން ޖެހި ދެ ގޯލާއި، ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ލަނޑުން އިޓަލީ ނަތީޖާ ހަމަހަމަކޮށް، އެގްރިގޭޓުގެ ތަފާތު ކުޑަކުރި އެވެ. އިޓަލީ އެންމެ ގޯލެއް އިތުރަށް ޖެހި ނަމަވެސް، މެޗު އިތުރު ވަގުތަށް ދިޔައީހެވެ.
ލިޒްބަންގައި ޕޯޗުގަލުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-2 އިން ޕޯޗުގަލް އޮތީ ކުރީގަ އެވެ. ފުރަތަމަ ލެގު 1-0 އިން ޑެންމާކް ކާމިޔާބުކޮށްފައި އޮތުމުން، އެގްރިގޭޓުން ދެ ޓީމު 3-3 އިން ހަމަހަމަވީ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ޕޯޗުގަލް މޮޅުކޮށްދިނީ ފްރަންސިސްކޯ ޓްރިންކާއޯ އާއި، ގޮންކާލޯ ރާމޯސް އެވެ.
ވެލެންސިއާގައި ނެދަލެންޑްސްއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ލެގު ވެސް އެ ނަތީޖާ އިން އެއްވަރުވެފައި އޮތުމުން، އެގްރިގޭޓުން 4-4 އިން ހަމަވެ ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތުގައި ސްޕެއިނުގެ ލަމީން ޔަމާލް އެ ޓީމަށް ކުރި ހޯދައިދިން ނަމަވެސް، ނެދަލެންޑްސްގެ ޒަވީ ސިމޮންސް އެއްވަރުކުރި އެވެ. އެހެންވެ ދެ ޓީމު 5-5 އިން އެގްރިގޭޓުން ހަމަހަމަވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ދެ ޓީމުން ހަ ޕެނަލްޓީ ޖެހިއިރު ސްޕެއިނުން ނާކާމިޔާބުވީ ޔަމާލް އަށެވެ. ނެދަލެންޑްސް އިން ނާކާމިޔާބުވީ ނޮއާ ލޭންގް އާއި، ޑޮނީޔެލް މަލެން އަށެވެ.
ރޭ ސެއިން ޑެނިސްގައި ކްރޮއޭޝިއާ އަތުން ފްރާންސް 2-0 އިން މޮޅުވެ، ފުރަތަމަ ލެގުން 2-0 އިން ބަލިވި ނަތީޖާ އަނބުރާލިއިރު ދެ ޓީމު އޮތީ އެގްރިގޭޓުން ހަމަހަމަވެފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ކްރޮއޭޝިއާ އިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް، ތިން ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެ ޓީމަށް ކާމިޔާބުނުކުރެވުނީ މާޓިން ބަޓުރިނާ އާއި، ފްރަންހޯ އިވަނޮވިޗް، އަދި ޖޮސިޕް ސްޓަނިސިޗްގެ ޕެނަލްޓީ އެވެ. ފްރާންސްގެ ހަތް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. އެއީ ހޫލްސް ކޫންޑޭ، އާއި ތެއޯ ހެނާންޑޭޒްގެ ޕެނަލްޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy