27 މާޗް 2025 - 13:32
ފަހަކަށް އައިސް އެއްވެސް ޓީމެއްގައި ހަރުލާގޮތް ނުވެފައިވާ ޕޯޗުގަލްގެ ހުނަރުވެރި ފޯވާޑް ޔޮއާއޯ ފެލިކްސް ތުރުކީގެ ގަލަތަސަރާއީ އަށް ވިއްކާލެވޭތޯ އޭނާގެ އޭޖެންޓް ޖޯޖް މެންޑެސް މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ފެލިކްސް މިހާރު ކުޅެމުން އަންނަނީ އިންގްލެންޑުގެ ޗެލްސީގެ ލޯނެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށެވެ. އެކަމަކު ޖެނުއަރީ ގައި މިލާނަށް ބަދަލުވެ އެދެވޭ ކުޅުމެއް ނުދެއްކޭތީ މިލާނުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ނުކުރާނެ ކަމަށްވެ އެވެ. އަނެއްކޮޅުން ޗެލްސީގައި ވެސް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބޭނެތީވެ ފެލިކްސް އެ ކްލަބަށް ވެސް އެނބުރި ދާން ބޭނުންނުވާ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މެންޑެސް ވަނީ ގަލަތަސަރާއީ އަށް ބަދަލުވާން ފެލިކްސް ބޭނުންވާކަން ޗެލްސީ އަށް އަންގައިފަ އެވެ. ދެން އޮންނާނީ ޗެލްސީ އާއި ގަލަތަސަރާއީ އިން އެއްބަސްވުމަކަށް އައުމެވެ. ގަލަތަސަރާއީ އިން ބޭނުންވަނީ އޭނާ ލޯނެއްގެ ދަށުން ގެނައުމަށެވެ. ޗެލްސީން ބޭނުންވަނީ ސީދާ ވިއްކާލަން ނުވަތަ ގަންނަން މަޖުބޫރުވާ ފަދަ ލޯން ޑީލަކަށް ދާށެވެ.
ގަލަތަސަރާއީގައި މިވަގުތު ވެސް އޮތީ ވަރަށް ވަރުގަދަ ފޯވާޑް ލައިނެކެވެ. އެކަމަކު އޭގެ ތެރެއިން ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމްހެން މި ސީޒަނަށް ފަހު އަނެއްކާ ވެސް ބޮޑު ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. ދެން ތިބި ސްޕެއިނުގެ އަލްވާރޯ މޮރާޓާ އާއި އާޖެންޓީނާގެ މައުރޯ އިކާޑީގެ ކުރިމަގާ މެދު ވެސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެހެންވެ ފެލިކްސް އެ ޓީމަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.
ޕޯޗުގަލްގެ ބެންފީކާ އިން ވިދާލި ފެލިކްސް އަކީ ވަރަށް އުއްމީދުކުރެވުނު ކުޅުންތެރިއެކެވެ. އޭނާ 2019 ވަނަ އަހަރު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 126 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އެދެވޭ ކުޅުމެއް ނުދެއްކި ފަހުން ލޯން އުސޫލުން ސްޕެއިނުގެ ބާސެލޯނާ އާއި ޗެލްސީ އަށް ދިޔައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy