20 އޯގަސްޓް 2025 - 11:06
އިނގިރޭސި ވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ ކޯޗުކަން ފުރަތަމަ ފަހަރަށް ސިކުންގެ މީހަކަށް ދީފި އެވެ.
އުމުރުން 30 އަހަރުގެ އަޝްވިރް ސިންގް ޖޮހާލް ހަމަޖައްސާފައިވަނީ އިނގިރޭސި ފަސް ވަަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ މޮރެކަމްބޭ އެފްސީގެ ކޯޗުގެ މަގާމަށެވެ.
އަޝްވިރް އަށް މި މަގާމް ދޭން ނިންމީ އެ ކްލަބުގެ އޯނާޝިޕް ދާދި ފަހުން ނެގި މަޝްހޫރު ސްޕޯޓްސް އިންވެސްޓްމަންޓް ކުންފުނި ޕަންޖާބް ވޯރިއާސް އިންނެވެ.
އަޝްވިރް ވެފައިވަނީ، އިނގިރޭސި އެންމެ މަތީ ފަސް ޑިވިޝަނުގައި ހިމެނޭ ކްލަބަކާ ހަވާލުވާ އެންމެ ޒުވާން ކޯޗަށް ވެސް މެ އެވެ. މި އަހަރު ޔުއެފާ ޕްރޯ ކޯޗިން ލައިސަންސް ނެގި އަޝްވިރަކީ، އެ ފާސް ހާސިލްކުރި އިނގިރޭސި އެންމެ ޒުވާން އެއް ކޯޗެވެ.
އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ސިކް ފައްޅި ކަމަށްވާ ގުރު ނާނަކް ގުރްދުވާރާ އަށް ނިސްބަތްވާ ނޮން ލީގު ކްލަބެއް ކަމަށްވާ ޖީއެންކޭ ލެސްޓާ އަށް ކުޅެފައިވާ އަޝްވިރް އެންމެ ގިނަ ދުވަހު މަސައްކަތްކުރީ ލެސްޓާ ސިޓީގަ އެވެ. އޭނާ ވަނީ އެ ކްލަބުގެ ކޮމިއުނިޓީ ލެވެލް އާއި، ޔޫތު ޑިވެލޮޕްމަންޓް ލެވެލްގައި ކޯޗުކޮށްދީފަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ ސެސް ފެބްރިގާސް ކޯޗުކޮށްދޭ އިޓަލީގެ ކޯމޯގެ 19 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓަކަށް ވެސް މަސައްކަތްކޮށްފަ އެވެ. އަދި އިނގިރޭސި ދެ ވަަނަ ޑިވިޝަނުގެ ވިގަން އެތުލެޓިކުގެ ކޯޗަކަށް ކޯލޯ ޓޫރޭ މަސައްކަތްކުރިއިރު އޭނާގެ އެސިސްޓަންޓް ކަން ވެސް އަޝްވިރް ކުރި އެވެ.
ސިކުންނަކީ، އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ ޕަންޖާބުގައި އުފަންވި ސިކިޒަމް އަށް ތަބާވާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްކަ
20 August 2025
ހީ ލުކް ވެރީ ސިކް.