08 ސެޕްޓެމްބަރ 2025 - 11:19
ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނުގެ ފެށުން ގޯސްވެފައި ވަނިކޮށް ރޭ އުތުރު އަޔަލެންޑް އަތުން 3-1 އިން މޮޅުވެ، ހަމަޖެހުމެއް ހޯދައިފި އެވެ.
ކޮލިފައިންގެ ގްރޫޕް އޭ ގައި ޖަރުމަން ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން 2-0 އިން ބަލިވީ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހާފު ނިމުނުއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ސާޖް ގްނެބްރީ ޖަރުމަނަށް ލީޑު ނަގައިދީފައި އޮއްވާ އުތުރު އަޔަލެންޑަށް އެއްވަރުކޮށްދިނީ އިސާކް ޖޫޑް ޕްރިސް އެވެ. ކޮލޯންގައި ކުޅުނު މި މެޗުން ޖަރުމަން މޮޅުވީ ދެ ވަނަ ހާފުގައި ނަޑިއެމް އަމީރީ އާއި، ފްލޮރިން ވްރިޓްޒް ޖަހައިދިން ލަނޑުތަކުންނެވެ.
ލިވަޕޫލަށް ބޮޑު އަގެއްގައި މި ސީޒަނުގައި ބަދަލުވި ވިރްޓްޒް ބުނީ ކުރީ މެޗުން ބަލިވުމުން، މި މެޗަށް ނުކުތީ މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"ކުޅުން ވެސް ރަނގަޅު. މިއީ ބިންގަލެއް ކަމަށް ދެކި ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވޭނެ،" އޭނާ ބުންޏެވެ.
މި ގްރޫޕުގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ޖަރުމަން އޮތީ އެންމެ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ދެ ވަނައިގައި އޮތީ އުތުރު އަޔަލެންޑެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ ލަގްޒަމްބާގް އަތުން 1-0 އިން މޮޅުވި ސްލޮވާކިއާ އެވެ. ލަގްޒަމްބާގް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ކޮލިފައިންގެ ގްރޫޕް އީ ގައި ރޭ ސްޕެއިނުން ވަނީ ތުރުކީ އަތުން 6-0 އިން މޮޅުވެފަ އެވެ. ތުރުކީގެ ކޮންޔާގައި ކުޅުނު މި މެޗުގައި ސްޕެއިނުގެ ފޯވާޑް މިކެލް މެރިނޯ ހެޓްރިކެއް ހެދި އެވެ. ޕެޑްރީ ދެ ގޯލް ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ ފެރަން ޓޮރޭޒް އެވެ.
މި މޮޅާ އެކު ސްޕެއިން ވަނީ ހަ ޕޮއިންޓް ހަމަކޮށް ގްރޫޕުގެ އެއް ވަނަ އަށް އަރައިފަ އެވެ. ޖޯޖިއާ އާއި ތުރުކީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތީ ރޭ ޖޯޖިއާ އަތުން 3-0 އިން ބަލިވި ބަލްގޭރިއާ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ ކޮލިފައިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy