ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގަނީ. -- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2025 - 19:33
އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގައި، އޭނާ ދެކިލަން ކަލްކަތާގެ ސްޓޭޑިއަމަށް ވަން ސަޕޯޓަރުންނަށް އެކަށީގެންވާ ގޮތަކަށް އެ ފުރުސަތު ނުލިބުމުން، ބައެއް ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި އެވެ.
އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އިންތިޒާމުކުރި މި ދަތުރުގައި މިއަދު ހެނދުނު މެސީ ދެކިލަން، ކަލްކަތާގެ ސޯލްޓް ލޭކް ލޭކް ސްޓޭޑިއަމަށް 80،000 އަށް ވުރެ ގިނަ މީހުން ޓިކެޓް ނަގައިގެން ވަނެވެ. ރާވާފައި އޮތީ ދަނޑު ވަށައި މެސީ ހިނގާލައި ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
އެކަމަކު ސްޓޭޑިއަމުގައި މެސީ ހޭދަކުރި 12 މިނެޓުގެ ތެރޭގައި އޭނާއާ އެކު ސިޔާސީ މީހުންނާއި، ވީއައިޕީން ފޮޓޯ ނަގަން އުޅުމާއި، އޭނާ ވަށާއިގެން ސެކިއުރިޓީ ބޮޑު ޓީމެއް އޮތުމުން ސަޕޯޓަރުންނަށް ރަނގަޅަށް އޭނާ ފެންނަ ގޮތެއް ނުވި އެވެ.
ދަނޑުގައި ބަހައްޓާފައި ހުރި ބެނާއަކަށް ސަޕޯޓަރުން ގެއްލުންދެނީ. -- ފޮޓޯ: އޭއެފްޕީ
އެކަމާ ހިތްހަމަނުޖެހިގެން ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް ފުޅިއުކައި، ގޮނޑިތައް ހަލާކުކޮށްފަ އެވެ. ބައެއް ސަޕޯޓަރުން ވަނީ ބެރިކޭޑްތައް ފަޅާލައި ދަނޑަށް އަރައި ޓެންޓުތަކާއި، ބެނާތަކަށް ގެއްލުންދީފަ އެވެ.
ސަޕޯޓަރުން ހިތްހަމަނުޖެހުނީ ބޮޑު އަގެއް ދީ ޓިކެޓް ގަނެގެން ދަނޑަށް ވަނުމުން ވެސް އެ ފުރުސަތު ނުލިބުމުންނެވެ. އެ މީހުން ތުހުމަތުކުރި ގޮތުގައި މިކަން މިހެންވީ އިންތިޒާމުކުރި މީހުންގެ ދޯދިޔާކަމުންނާއި، ސިޔާސީ މީހުން، މެސީއާ އެކު ފޮޓޯ ނަގަން ހަދައިގެންނެވެ.
"އަހަރެން 5000 ރުޕީ (848ރ.) ދީފައި ޓިކެޓް ގަނެގެން ދަރިފުޅު ގޮވައިގެން މިއައީ މެސީ ދެކިލަން، ސިޔާސީ މީހުން ބަލާކަށް ނޫން،" އޭއެފްޕީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މެސީ ސަޕޯޓަރަކާ އެކު ފޮޓޯ ނަގަނީ. -- ފޮޓޯ: އޭއެފްޕީ
ކަލްކަތާ ނިސްބަތްވާ ވެސްޓް ބެންގާލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވަނީ އިންތިޒާމުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، މައްސަލަ ތަހުގީގުކުރަން އަންގަވައިފަ އެވެ. އެކަމަނާ ވަނީ މެސީގެ ކިބައިންނާއި، ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި އިވެންޓް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިއީ އަމިއްލަ ފަރާތުން އިންތިޒާމުކުރި އިވެންޓެއް ކަމަށާއި، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ފެޑެރޭޝަނަށް ނާންގާ ކަމަށެވެ.
ސަޕޯޓަރުން ދަނޑަށް ގޮނޑިތައް އުކާފައި. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ފުޓްބޯޅައިގެ ސަޕޯޓް އެންމެ ބޮޑު ކަލްކަތާ އަކީ މެސީ އާއި އާޖެންޓީނާ އަށް މަރުދޭ ސަޕޯޓަރުން ގިނަ ސިޓީއެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އިންޑިއާގައި އެންމެ ފުރަތަމަ ދެއްކި ވޯލްޑް ކަޕް، 1986 ގައި އާޖެންޓީނާ ކާމިޔާބުކުރުމުންނެވެ.
މެސީގެ މި ދަތުރުގައި ވަނީ ކަލްކަތާގައި ބެހެއްޓި އޭނާގެ 70 ފޫޓުގެ ބޮޑު މޮނިއުމެންޓެއް ވެސް އިފްތިތާހުކޮށްފަ އެވެ.
ހަތަރު ދުވަހުގެ މި ދަތުރުގައި މެސީ ދެން ދިއުމަށް ހަމަޖެހިފައިވަނީ ހައިދަރުއާބާދު، މުމްބާއީ، އަދި ނިއު ދިއްލީ އަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ވެސް މެސީ ބައްދަލުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފީފާ ބަކަރި
15 December 2025
މެސިއާ މެސީގެ ސަޕޯޓަރުންގެ ފެންވަރު. މެސީ އުޅޭނީ ބޮޑެތިމީހުންގެ ބޫޓުކިބައިގަ ދޫލާން. ސަޕޯޓަރުން ނާ މީޓްކޮއްލަން ދާނެ ބޮލެއް ނުހުންނާނެ. އޭނަޔަކަށް ނުވިސްނޭނެ މީހުން އެވަރުން ދެކެންދިޔައިމަ ކަންކުރަންވީގޮތެއް.
ސޯދުު
13 December 2025
އެހެންވީމާ މަބުނަނީ ރޮނާލްޑޯ ބޯރަނގަޅޭ.
ސޯދުގެ ބަފާ
13 December 2025
އިންތިޒާމު ކުރި ކޮހުންގެ މޮޔަކަމުން ދިމާވި ކަމެއް.
ކަލޭގެސަން
14 December 2025
ހަބަރު ކިޔައިގެން ކަންތަށް ވީގޮތް ފަހުމް ނުވީތޯ؟