ޖުމްލަ 48 ޓީމާ އެކު ތިން ގައުމެއްގައި ފުރަތަމަ ފަހަރަށް މިރޭ ފަށާ ފީފާ ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީހުގައި ވެސް ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމާ މެދު ޝައްކެއް ނެތެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުގައި އެހެން ހުރިހާ އަހަރުތަކަކަށް ވުރެ ގިނަ މެޗު ކުޅޭނެ އެވެ. އަދި މި މުބާރާތް މަހަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދާނެ އެވެ. ނަމަވެސް މުބާރާތް ފަށަން ކުޑަތަން ވެފައި ވާއިރު ވެސް، މުބާރާތް ހާއްސަވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ވާހަކަ އެހާ ގަދަޔަށް ދެކެވޭތަނެއް ނާދެ އެވެ.

މުބާރާތާ ގުޅޭގޮތުން ގިނަ ޚަބަރުތަކެއް މީޑިއާގައި ފެންމަތިވަމުން އަންނަނީ، ޓިކެޓް އަގުބޮޑު ވުމާއި އެމެރިކާގެ ސެކިއުރިޓީ އާއި ވިސާ އަދި އިމިގްރޭޝަންގެ މައްސަލަތަކާ ގުޅުވަ އެވެ. އަދި ހާއްސަކޮށް މިދިޔަ އަހަރު އެފްރިކާ ބައްރުގެ އެންމެ މޮޅު ރެފްރީ ސޮމާލިއާގެ އުމަރު އަބްދުލްގާދީރު އާތަން އަށް އެމެރިކާއަށް އެރުން މަނާކުރި ވާހަކަތަކަކީ ގިނަ ބަޔަކަށް ފަރިތަކަމާ އެކު އެނގެމުން އަންނަ، އެ ކަމަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލަތަކެވެ.

ނަމަވެސް މި އަހަރުގެ ރަސްމީ ލަވަ އާއި މުބާރާތުގެ މެސްކޮޓާ ގުޅޭގޮތުން މައުލޫމާތު އެނގޭ މިންވަރު ނިސްބަތުން މަދެވެ. މިއީ ވޯލްޑް ކަޕް މުބާރާތެއް ބޯމަތިވަމުން އަންނަ އިރު އާދައިގެ މައްސަލައެއް ނޫނެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ.-- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ.-- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން ބާއްވާފައިވާ މުބާރާތްތައް ފެށުމުގެ ކުރިން، ވޯލްޑް ކަޕްގެ ރަސްމީ ލަވަ އާއި މެސްކޮޓް ވެފައި ވަނީ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ތަކެއްޗަށެވެ.

ފަހުގެ ތާރީހުތަކަށް ބަަލައިލާއިރު، ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި މުބާރާތުގެ މެސްކޮޓް ޒަކޫމީ އާއި ސަޕޯޓަރުން ގެންގުޅުނު ވުވުޒެލާ އަދި އެ މުބާރާތުގެ ލަވަތަކަށް މިއަދާ ހަމައަށް ވެސް އޭގެ މަގުބޫލުކަމަށް ބަދަލެއް ނާދެ އެވެ. މީގެ އިތުރުން 2014 ގައި ބްރެޒިލް މުބާރާތުގައި އޮތް ކާނިވާ މާހައުލާއި ރަޝިއާ 2018 ގައި ގެންގުޅުނު މެސްކޮޓް ކަމަށްވާ ޒަބީވަކާ ނަމަކަށް ކިޔުނު ހިޔަޅުގެ އިތުރުން އެންމެ ފަހުން 2022 ގައި ގަތަރުގައި ބޭއްވުނު މުބާރާތުގެ މެސްކޮޓް، ލަބީބް ވެސް ވަނީ ކޮންމެވެސް ސިފައެއްގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ. މީގެ ސަބަބުން މުބާރާތް ހޯސްޓް ކުރާ ގައުމުތަކުގެ ސަގާފަތާގުޅޭ ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ނުވަތަ ތަސައްވުރެއް ސަޕޯޓަރުންނަށް ލިބިގެން ދިޔަ އެވެ.

ނަމަވެސް މި އަހަރުގެ މުބާރާތަށް އަދި އެ ވަރުގެ ސަޕޯޓެއް ނުލިބެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި މުބާރާތުގެ ކުރިން ގިނަ ބަޔެއްގެ ސަމާލުކަން އަމާޒު ވެފައިވަނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާއަށް އެތެރެވުމާ ގުޅޭ މައްސަލަތަކަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
ފީފާގެ ރައީސް އިންފަންޓީނޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ބައެއް ގައުމުތަކުގެ ޑެލިގޭޓުންނަށް ވިސާ ނުލިބުމާއި ބައެއް ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެ ވުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. މީގެ އިތުުރުން މުބާރާތުގައި ވާދަކުރާ ބައެއް ގައުމުތަކުގެ ކުޅުންތެރިންނަށް ވެސް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. އަދި ޓިކެޓުގެ އަގު ބޮޑު ވުމާ ގުޅިގެން ވެސް ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.

ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވަމުން ގެންދަވަނީ، މިފަދަ ކަންކަމުގެ ހުރިހާ ބާރެއް އޮތީ މުބާރާތް ހޯސްޓް ކުރާ ގައުމަށް ކަމަށެވެ. މިއާ އެކު ވޯލްޑް ކަޕް ފެށުމުގެ ތަސައްވުރު މި ވަނީ ފީފާގެ އަމިއްލަ ބްރޭންޑިން އަށް ވުރެ ބޮޑަށް، އަމިއްލަ ނުފޫޒު ދައްކާލާ ފަދަ ގޮތަކަށް ބައްޓަން ކުރެވިފަ އެވެ.

ފަހަރުގައި މިއީ ތިން ގައުމެއްގެ 16 ސިޓީއެއްގައި މުބާރާތް ބާއްވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ކުރިމަތިވާ ކަމެއް ގޮތުގައި ވެސް ބަޔަކު ގަބޫލު ކޮށްފާނެ އެވެ. ނަމަވެސް މުބާރާތް ފެށުމާ އެކު މި ހުރިހާ ކަމެއް ވެސް ބަދަލުވެގެން ހިނގައިދާނެ އެވެ.

މި އަހަރުގެ މުބާރާތުގެ ތިން މެސްކޮޓް؛ (ކ-ވ) ކްލަޗް [އެމެރިކާ] ، ޒަޔޫ [މެކްސިކޯ] ، މޭޕްލް [ކެނެޑާ].-- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ މުބާރާތުގެ ތިން މެސްކޮޓް؛ (ކ-ވ) ކްލަޗް [އެމެރިކާ] ، ޒަޔޫ [މެކްސިކޯ] ، މޭޕްލް [ކެނެޑާ].-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް މުބާރާތްތަކުގައި އާއްމުކޮށް އައިޑެންޓިޓީއެއް އުފެދެނީ މުބާރާތް ފެށޭ ހިސާބުން، ތަފާތު މޮޅު ކުޅުންތެރިއެއްގެ ސަބަބުން ނުވަތަ އާދަޔާ ހިލާފު، ހަނދާނުން ފުހެލަން ދަތި ނަތީޖާއެއް ނުވަތަ މެޗެއްގެ ސަބަބުންނެވެ.

އެކަމަކު މުބާރާތް ފެށުމުގެ ކުރިން ސަޕޯޓަރުންނަށް އެ ދެވޭ ފުރަތަމަ އިމްޕްރެޝަން ނުވަތަ ސަޕޯޓަރުންގެ ސިކުނޑީތަކުގައި ބިންވަޅު ނެގޭ ތަސައްވުރަކީ ވެސް މުހިއްމު އެއްޗެކެވެ. މި އަހަރުގެ މުބާރާތުގެ ތަސައްވުރަކީ ގައިމުވެސް މުބާރާތުގައި ބޭނުންކުރާ "އެޑިޑާސް ޓްރިއޮންޑާ" ބޯޅަ، ނުވަތަ މުބާރާތުގެ ތިން މެސްކޮޓް ކަމަށްވާ މޭޕްލް، ޒަޔޫ އަދި ކްލަޗް ނުވަތަ މުބާރާތުގެ ރަސްމީ ލަވަތަކެއް ވެސް ނޫނެވެ.

މި އަހަރުގެ މުބާރާތް ފެށުމުގެ ކުރީގެ ތަސައްވުރު ބިނާވެފައި ވަނީ، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ ކޮން ބަޔަކަށްތޯ އާއި މުބާރާތުގައި ވާދަކުރަން، މެޗު ކުޅޭ ދަނޑާ ހަމައަށް ދިޔުމަށް އުފުލަން ޖެހޭނީ ކިހާވަރެއްގެ ތަކުލީފެއްތޯ އާއި އަދި ފީފާއިން ދައުވާކުރާ ފަދަ އެންމެންނަށް ހަމަހަމަ ގޮތެއްގައި  މުބާރާތުގެ އިހުސާސް ކުރެވޭނެތޯ ކުރެވޭ ބަހުސެއްގެ މައްޗަށެވެ.

މި އަހަރުގެ ވޯލްޑް ކަޕް މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފަށާނީ މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. ދަނޑުމަތީގައި ފުޓްބޯޅައިން ކަންކަމަށް ޖަވާބު ނުލިބޭހާ ހިނދަކު، މުބާރާތުގެ ފުރަތަމަ އިމްޕްރެޝަނާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވާނެ ކަމަކީ ފެންނާން ހުރި ހަގީގަތެވެ.