ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލްގެ އެދުމުގެ މަތިން، ގައުމީ ސަލާމް ކިޔާ ވަގުތު ފޮޓޯގްރާފަރުން ބެންޗާ ދުރުގައި ބައިތިއްބަން ފީފާ އިން ނިންމައިފި އެވެ.
ފޮޓޯގްރާފަރުން ބެންޗާ މާ ކައިރީގައި ތިބޭ ކަމުގެ ޝަކުވާ ޓުޗެލް ކޮށްފައި ވަނީ އިންގްލެންޑް 4-2 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. ޓުޗެލް ބުނީ ފޮޓޯގްރާފަރުން ކުރިމަތީގައި އެތުރިގެން ތިބޭ އިރު އޭނާ އަށް ޓީމުގެ ކުޅުންތެރިން ވެސް ނުފެންނަ ކަމަށެވެ.
މިއާ އެކު ފީފާ އިން ވަނީ ޓުޗެލްގެ އެ އެދުން ފުރިހަމަ ކޮށްދީ، ވަގުތުން ފިޔަވަޅު އަޅައިފަ އެވެ. އަދި މީގެ ފަހުން ގައުމީ ސަލާމް ކިޔާ ވަގުތު ފޮޓޯގްރާފަރުން، ބެންޗުގައި ތިބޭ ކޯޗިން ސްޓާފުންނާއި އޮފިޝަލުންނަށް އުުނދަގޫ ނުވާނޭހެން ދުރުގައި ތިބޭ ގޮތަށް ފީފާއިން ވަނީ ނިންމައިފަ އެވެ.
"އަހަރެން އެބަ އޮތް ވާހަކައެއް ބުނަން. ފީފާ ކައިރީ އާދޭހާ އެކު މި އެދެނީ، ގައުމީ ސަލާމް ކިޔާ ވަގުތު ފޮޓޯގްރާފަރުން ތިބޭ ސަރަހައްދު ބަދަލު ކޮށްދޭން. އަހަރެންނަށް އަހަރެންގެ ޓީމު ނުފެނޭ އެ ވަގުތު،" މެޗަށް ފަހު ޓުޗެލް ބުންޏެވެ.
"އެއީ ވަރަށް ހާއްސަ ވަގުތުކޮޅެއް. އެކަމަކު އަހަރެން ހުންނަން ޖެހުނީ ފަންސާހެއްހާ ފޮޓޯގްރާފަރުންގެ ފާރެއް ކުރިމަތީގައި. އެންމެ ކުޅުންތެރިއެއް ވެސް އަހަރެންނަކަށް ނުފެނުނު. މިއީ އަހަރެންގެ މި ތަޖުރިބާ މުޅިން ހަރާބުވެގެން ދިޔަ ކަމެއް."
ގުރޫޕް އެލްގައި އިންގްލެންޑް އާއި ކްރޮއޭޝިއާ ބައްދަލު ކުރި މެޗަކީ ޓުޗެލް ވޯލްޑް ކަޕްގައި ކޯޗު ކޮށްދިން ފުރަތަމަ މެޗެވެ.