އާލިންގް ހާލަންޑް ފަހު ވަގުތު ޖެހި ލަނޑުން، އައިވަރީ ކޯސްޓް 2-1 ން ބަލިކޮށް، ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް ނޯވޭ ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ 35 މިނެޓުގައި ގޭމް ކޮންޓްރޯލް ކުރީ އައިވަރީ ކޯސްޓުންނެވެ. އެ ޓީމުން ނޯވޭގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.. އިވަރީ ކޯސްޓުގެ ވިންގް ފޯވާޑުން ކަމަށްވާ ޔާން ދިއޮމާންޑޭ އަދި ނިކޮލަސް ޕެޕޭއަށް މެދުނުކެނޑި ބޯޅަތައް ފޯރުކޮށްދެމުންދިޔަ އެވެ.ނަމަވެސް މެޗުގެ އޮއިވަރާ ބަދަލުވީ، 39 ވަނަ މިނެޓުގައި ނޯވޭއިން ވަނީ ލަނޑެއް ޖަހައި ކުރި ހޯދުމުންނެވެ.  އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައި ދިނީ އެންޓޯނިއޯ ނޫސާ އެވެ. 

އޭނާ ވަނީ ވާތްފަރާތު ވިންގުން އެތެރެއަށް ކަނޑާލުމަށްފަހު، ކަނާތުން ފޮނުވާލި ހިތްގައިމު ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވައްދާލާފަ އެވެ.

މި ލަނޑާއެކު މެޗުގ މުޅިން ބަދަލުވެ، ނޯވޭއިން ވަރުގަދައަށް ކުޅެން ފެށި އެވެ. ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އަލެކްސަންޑާ ސޯލޮތު ބޮލުން ޖައްސާލި ބޯޅައަކުން އާލިން ހާލަންޑަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ހަމަލާ، އައިވަރީ ކޯސްޓުގެ އެމަނުއެލް އަގްބާދޫ ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. 

އޭގެ ފަހުން ލިބުނު ކޯނަރެއްގައި ސޯލޮތަށް ބޮލުން ފޮނުވާލަން ލިބުނު ހުސް ފުރުސަތެއް އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ.

އެ ޓީމުގެ  ތަރި އާލިން ހާލަންޑަށް މި ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފުރަތަމަ 45 މިނެޓުގައި އޭނާއަށް ބޯޅަ ލިބުނީ އެންމެ އަށް ފަހަރު އެވެ. 

ދެވަނަ ހާފު އައިވަރީ ކޯސްޓުން ފެށީ  ވަރުގަދަކޮށެވެ. އެ ހާފު ފެށިގެން 10 ވަނަ މިނެޓްގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. 

ނިކޮލަސް ޕެޕޭ ކަނާތްފަރާތުން ފޮނުވާލި ބާރު ހަމަލާ، ނޯވޭގެ ކީޕަރު އޮރްޔަން ނީލަންޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން 66 ވަނަ މިނެޓުގައި ނޯވޭއިން ވަނީ އައިވަރީ ކޯސްޓުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މާޓިން އޮޑެގާޑް ނަގައިދިން ކޯނަރަކުން ތޮރްބްޖޯން ހެގެމް ފޮނުވާލި ބާރު ހަމަލާ ކީޕަރުގެ އަތުން ނެއްޓުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަމަދު ޑިއޯލާ ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ސަލާމަތްކޮށްދީފަ އެވެ.

ގޯލެއް ސަލާމަތްކޮށްދިނުމަށްފަހު، މެޗުގެ 74 ވަނަ މިނެޓުގައި އަމަދު ވަނީ މުބާރާތުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ލަނޑު ޖަހައި ދީފަ އެވެ.

އައިވަރީ ކޯސްޓުގެ ކޯޗު އެމާސް ފައޭ ޓީމުގެ ފޯމޭޝަން ބަދަލުކުރިތާ މާގިނައިރެއް ނުވެ، ޑިއާލޯ ވަނީ ކަނާތްފަރާތުން ބޯޅަ ހިފައިގެން ނޯވޭގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ފޮނުވާލި ހިތްގައިމު ހަމަލާ ގޯލުގެ ތިރީ ކަނަށް ވައްދާލާފަ އެވެ. 

އެ ލަނޑަކުން އައިވަރީ ކޯސްޓަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.

 ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، 86 ވަނަ މިނެޓުގައި ނޯވޭއިން ވަނީ އަލުން ކުރިހޯދާފަ އެވެ.

އޮސްކާ ބޮބް ކަނާތްފަރާތް ވިންގުން ބޯޅަ ހިފައިގެން ކުރިއަށް އަރައި ޕެޓްރިކް ބާގްއަށް ދިން ބޯޅަ، އޭނާ ވަނީ ހުސްކޮށް ހުރި އާލިން ހާލަންޑަށް ޖައްސާލާފަ އެވެ. މާބޮޑު ހުރަހެއްނެތި ހާލަންޑް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އެވ.

ގަދަ 16ގެ ބުރުގައި ނޯވޭއިން ނުކުންނާނީ ބްރެޒިލާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.