މެކްސިކޯ ސިޓީ (ޖުލައި 1) - އިކުއެޑޯގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން މެކްސިކޯ 40 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބު ކޮށްފި އެވެ.

ގަދަ 32 ޓީމު ވާދަކުރާ ބުރުގެ މި މޮޅާ އެކު މެކްސިކޯ ވަނީ މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.

އެންމެ ފަހުން އޮތް 2022 ވަނަ މުބާރާތުގައި މެކްސިކޯ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އޭގެ ކުރިން 1994 އިން ފެށިގެން ޖެހިޖެހިގެން ހަތް މުބާރާތުގައި ވެސް މެކްސިކޯ ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް ހަތް ފަހަރު ވެސް ވަނީ ގަދަ 16 އާ ހަމައިން މުބާރާތް ނިންމާލަން ޖެހިފަ އެވެ.

މެކްސިކޯ އެންމެ ފަހުން ވޯލްޑް ކަޕްގައި ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބު ކުރީ އެ ގައުމުގައި 1986 ވަނަ އަހަރު އޮތް މުބާރާތުގަ އެވެ. އެ ފަހަރު ވަނީ ގަދަ 16 ގައި ބަލްގޭރިއާއާ ވާދަ ކޮށް، މިއަދު މެޗު ކުޅުނު އަޒްޓެކާ ސްޓޭޑިއަމްގައި ހަމަ މިއަދުގެ ނަތީޖާއިން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ކުއާޓާގައި ބަލިވީ ހުޅަނގު ޖަރުމަނާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

މި އަހަރުގެ މުބާރާތުގެ ގަދަ 16 ގައި މެކްސިކޯ ވާދަ ކުރާނީ މިރޭ 9 ޖަހާއިރު އިންގްލެންޑާއި ޑީއާރު ކޮންގޯ ބައްދަލު ކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި މެކްސިކޯގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނިޓުގައި ހޫލިއަން ކުއިނޯނެސް ޖަހައިދިން އިރު 31 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިން ލަނޑު ޖެހީ ރައުލް ހިމިނޭޒް އެވެ.

މެޗުގެ އެންމެ ފަހު މިނިޓުގައި އިކުއެޑޯގެ ޕިއެރޯ ހިންކަޕީ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާއާށް ރަތް ކާޑު ދެއްކީ ހިތްހަމަނުޖެހުމެއްގެ ތެރޭން އަނގަ ފޮރުވައިގެން އިކުއެޑޯގެ ސަންޓިއާގޯ ހިމިނޭޒް އާ ވާހަކަދެއްކުމުންނެވެ.

މިއީ ފީފާގެ އާ ގަވާއިދުގެ ދަށުން މިގޮތަށް ރަތް ކާޑު ދެއްކި ދެވަނަ ކުޅުންތެރިޔާ އެވެ. ފުރަތަމަ ކާޑު ދައްކާފައި ވަނީ ޕެރެގުއޭގެ މިގޭލް އަލްމިރޯން އަށެވެ.

މި އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދަނީ މެކްސިކޯގެ އިތުރުން އެމެރިކާ އަދި ކެނެޑާގަ އެވެ. މެކްސިކޯ އަންނަނީ ގުރޫޕް ސްޓޭޖުގައި އެއްވަނަ ހޯދައިގެން ނޮކައުޓް ބުރުގައި ހޯމް އެޑްވާންޓޭޖް އެންމެ ފުރިހަމައަށް ނަގަމުންނެވެ. 

ގަދަ 16 އަށް ފަހު ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގަ އެވެ.