އެމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޯބަރު 11) – މިރޭ ސްވިޑަން އަތުން 2-0 އިން މޮޅުވި ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބި ނެދަލެންޑްސް ކެޓުމާ އެކު ކެޕްޓަން އާޔެން ރޮބެން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި 23 ޕޮއިންޓާ އެކު ފްރާންސް ކޮލިފައިވިއިރު ޕްލޭއޮފް ޖާގަ ލިބޭ ދެ ވަނައިގައި އޮތް ސްވިޑަން އާއި ތިން ވަނައިގައި އޮތް ނެދަލެންޑްސް އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. އެކަމަކު ސްވިޑަން ދެ ވަނަ ކަށަވަރުކޮށް ޕްލޭއޮފަށް ދިޔައީ ލަނޑުގެ ތަފާތުންނެވެ. ނެދަލެންޑްސް އަށް ދެ ވަނަ ލިބެން އޮތީ މިރޭ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. މިރޭ ރޮބެން ދެ ލަނޑު ޖެހި ނަމަވެސް، އެއީ އެ ތަފާތު ނައްތާލެވެނޭ އަދަދެއް ނޫނެވެ.
ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅެ އަދި މިހާރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބެން ބުނީ މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު އުމުރުން 33 އަހަރުވެފައިވާ ކަމަށާއި މިހާރު ހުރިހާ ސަމާލުކަމެއް ދޭން ޖެހޭނީ ކްލަބަށް ކަމަށް އޭނާ ބުންޏެވެ.
ނެދަލެންޑްސް ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ރޮބެން ވަނީ 96 މެޗު ކުޅެދީ 37 ގޯލް ޖަހައިދީފަ އެވެ. ދުވެލި ބާރު ރޮބެން އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ވިންގެވެ. އެކަމަކު އަނިޔާގެ ސަބަބުން ކެރިއަރަށް ވަނީ ހިޔަނި އެޅިފަ އެވެ.
ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ސްޕެއިން އަތުން ބަލިވިއިރު އަދި އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދިއިރު ރޮބެން ވަނީ ކުޅެފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޔޫރޯ އާއި އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި އޭނާ އާއި ޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.
ވޯލްޑް ކަޕުގެ ފައިނަލުން ތިން ފަހަރެއްގެ މަތިން ބަލިވެފައިވާ ނެދަލެންޑްސް އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކާމިޔާބު ނުލިބޭ އެންމެ މޮޅު ޓީމެވެ. އެ ޓީމަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ލިބިފައިވާ ހަމައެކަނި ބޮޑު ކާމިޔާބީއަކީ 1988 ވަނަ އަހަރުގެ ޔޫރޯ އެވެ.