ޗައިނާ ގައުމީ ޓީމުގެ ކޯޗަކަށް ކަނަވާރޯ ހަމަޖައްސައިފި

ބެއިޖިން (މާޗް 16) – ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ކެޕްޓަން ފަބިއޯ ކަނަވާރޯ ހަމަޖައްސައިފި އެވެ.


ޗައިނީސް ސުޕަ ލީގުގެ ގުއަންޒޫ އެވަގްރެނޭޑްގެ ކޯޗުކަން ވެސް ކުރީ ކަނަވާރޯ އަށް ޗައިނާގެ ކޯޗުކަން ދިނީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުންކަން މުޅިން ކަށަވަރެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެކަން ބިނާވާނީ ކުރިއަށް އޮތް ޗައިނާ ކަޕުގައި ނެރޭ ނަތީޖާއަކަށް ކަމަށެވެ. އަންނަ ހަފުތާގައި ފަށާ މުބާރާތުގައި ވާދަކުރާނީ ޗައިނާގެ އިތުރުން ތައިލެންޑާއި އުޒްބެކިސްތާން އަދި އުރުގުއޭ އެވެ.

ޗައިނާގެ ކޯޗުކަން އެންމެ ފަހުން ކުރީ، ކަނަވާރޯގެ މޮޅު ކުޅުމާ އެކު 2006 ގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން މާސެލޯ ލިއްޕީ އެވެ. އޭނާ ވަކިވީ ޖެނުއަރީ މަހު އޮތް އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުން ޗައިނާ ކެޓުމުންނެވެ.

އާ ކޯޗު ކަނަވާރޯ އަށް މިހާތަނަށް ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ކަނަވާރޯއާ ހަވާލުކުރި އެއް ސަބަބަކީ އެންމެ ފަހުން އޭޝިއަން ކަޕުގައި ވާދަކުރި ޓީމުގައި ގުއަންޒޫގެ ފަސް ކުޅުންތެރިން ހިމެނޭތީއާ އެކު ޗައިނާ ފުޓްބޯޅަ ރަނގަޅަށް ދަންނަ ކޯޗަކާ ހަވާލުކުރުމުގެ ގޮތުންނެވެ. ކުރީގެ ކޯޗު ލިއްޕީ ވަނީ ޗައިނާއާ އެކު ޖުމްލަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ކަނަވާރޯގެ އެޑްވައިޒަރީ މީހެއްގެ ގޮތުގައި ލިއްޕީ ކުރިއަށް އޮތް މުބާރާތުގައި މަސައްކަތްކުރާނެ އެވެ.

ވޯލްޑް ކަޕަށް މިހާތަނަށް އެންމެ ފަހަރަކު ކޮލިފައިވި ޗައިނާ އިން ދުނިޔޭގެ ފުޓްބޯޅައިގައި ބާރަކަށް ވުމަށް މަސައްކަތްކުރަމުން އައި ނަމަވެސް، ހުނަރަށް ބަލާއިރު އަދިވެސް އޭޝިއާގެ ވަރުގަދަ ބާރުތަކާ އެއްހަމައެއް ނޫނެނެވެ. އެކަމަކު މާލީ ގޮތުން ބަލާއިރު ޗައިނާ ލީގު އަންނަނީ ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އެގޮތުން ޔޫރަޕުގެ މަޝްހޫރު ބައެއް ކުޅުންތެރިން ބޮޑު އަގުގައި ގަނެފައިވެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ