އޮސްޓްރޭލިއާ ބަލިކޮށް އިންގްލެންޑް ފައިނަލަށް

ބާމިންހަމް (ޖުލައި 11) – ޗެމްޕިއަން އޮސްޓްރޭލިއާ ފަސޭހަކަމާ އެކު، އަށް ވިކެޓުން ބަލިކޮށް ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުގެ ފަހު ޖާގަ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންގްލެންޑުން ހޯދައިފި އެވެ.


ލަންޑަނުގެ ޝަރަފްވެރި ލޯޑްސްގައި އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ. އެ ޓީމުން ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފޭވަރިޓް އިންޑިއާ އަތުން އިއްޔެ 18 ލަނޑުން މޮޅުވެގެންނެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން އިންގްލެންޑް ކުޅޭ ފުރަތަމަ ފައިނަލެވެ. އެ ފަހަރު ޕާކިސްތާން އަތުން ބަލިވީ އެވެ. އޭގެ ކުރިން ފައިނަލުގައި ކުޅުނު ދެ ފަހަރުގެ ތެރެއިން 1979 ވަނަ އަހަރު ވެސްޓް އިންޑީޒް އަތުން ބަލިވިއިރު، 1987 ވަނަ އަހަރު ބަލިވީ އޮސްޓްރޭލިއާ އަތުންނެވެ.

މިއަދުގެ މެޗުގައި އޮސްޓްރޭލިއާ ކުޅެން އަރައި 49 އޯވަރުގެ ތެރޭ އެންމެން ނުބައިވެގެން ހެދުނީ 223 ލަނޑެވެ. އިންގްލެންޑް ވަނީ ޖަވާބުގައި ކުޅެން އަރައި 32.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 226 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.

އޮސްޓްރޭލިއާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ކެޕްޓަން އާރޮން ފިންޗް ލަނޑެއް ނެހެދި ނުބައިވުމެވެ. އެންމެ ރަނގަޅަށް ކުޅުނު ސްޓީވެން ސްމިތަށް ހެދުނީ 119 ބޯޅައިން 85 ލަނޑެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 65 ބޯޅައިން 85 ލަނޑު ހެދި ޖޭސަން ރޯއީ އެވެ. މީގެ އިތުރުން ކެޕްޓަން ޖޯސެފް މޯގަން ނުބައިނުވެ 39 ބޯޅައިން 45 ލަނޑު ހެދިއިރު ޖޮއޭ ރޫޓް ވަނީ ނުބައިނުވެ 46 ބޯޅައިން 49 ލަނޑު ހަދައިފަ އެވެ.