ރަމްޒީ މުސާރައަކަށް ރޮބީނިއޯ ސަންތޯސް އަށް

ރިއޯ ޑި ޖެނީރޯ (އޮކްޓޫބަރު 14) – މަހަކު ގާތްގަނޑަކަށް އެންމެ 250 ޑޮލަރުގެ މުސާރައަކަށް ބްރެޒިލްގެ މަޝްހޫރު ފޯވާޑް ރޮބީނިއޯ އޭނާގެ ކުރީގެ ކްލަބް ސަންތޯސްއާ ގުޅިއްޖެ އެވެ.


އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ސަންތޯސްއާ އެކު ސޮއިކުރީ ފަސް މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އޭނާ ރަމްޒީ މުސާރައެއް ނެގި ނަމަވެސް ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ ބޯނަހެއް ލިބޭނެ އެވެ. އަދި ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

"މިއީ އަބަދުވެސް އަހަރެންގެ ގެ. އަހަރެންގެ ކެރިއަރު ފެށި ކްލަބަށް އަލުން އައުމަކީ ވަރަށް ހާއްސަ ކަމެއް،" ރޮބީނިއޯ ބުންޏެވެ.

އަލްބޭނިއާ އަންހެނަކު 2013 ގައި ރޭޕްކުރުމުގައި ބައިވެރިކަމުގެ ކުށް ސާބިތުވެ އިޓަލީ ކޯޓަކުން ވަނީ 2014 ގައި ޣައިރު ހާޒިރުގައި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އޭނާ އޭގެ ފަހުން އުޅެނީ އިޓަލީ ފުލުހުންނަށް ފިލައިގެންނެވެ.

ޕެލޭ އާއި ނޭމާ ވެސް ވިދާލި ސަންތޯސްގައި ރޮބީނިއޯ ފާހަގަވުމާ އެކު ސްޕެއިނުގެ ރެއާލް މެޑްރިޑުން އޭނާ 2006 ގައި ގެންދިޔަ އެވެ. އެ ޓީމާ އެކު ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުުކުރި އެވެ. އޭގެ ފަހުން އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ފަހު އިޓަލީގެ އޭސީ މިލާނާ ގުޅުނެވެ. އެ ޓީމާ އެކު އޭނާ އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އެ ދެ ޓީމަށް ކުޅުނުއިރު ވެސް ލޯން އުސޫލުން ސަންތޯސް އަށް ކުޅެފައިވެ އެވެ. އަލުން ސަންތޯސްއާ މި ގުޅުނީ ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑާއި ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ ތުރުކީގެ ސިވަސްޕޯ އާއި އިސްތަންބޫލް ބަސްކެޝިއާ އަށް ކުޅުމަށް ފަހު އެވެ.

ރޮބީނިއޯ ވަނީ 2003-2017 އަށް ބްރެޒިލް ގައުމީ ޓީމަށް 100 މެޗުން 28 ގޯލް ޖަހައިދީފަ އެވެ. އަދި ކްލަބް ކެރިއަރުގައި 771 މެޗުން 249 ގޯލް ޖެހި އެވެ.