ގައުމީ ޓީމަށް ކުޅުން ހުއްޓާލި ވާހަކަ ޕޮގްބާ ދޮގުކޮށްފި

ޕެރިސް (އޮކްޓޫބަރު 26) - ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ފްރާންސް ގައުމީ ޓީމުން ޕައުލް ޕޮގްބާ ރިޓަޔާކޮށްފިކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.


ފްރާންސްގެ ޕެރިހުގައި ހައި ސްކޫލް ޓީޗަރެއް ކަމަށްވާ ސެމިއުލް ޕޭޓީ މަރާލައި ބޯބުރިކޮށްލުމާ ގުޅިގެން އެ ގައުމުގެ ރައީސް މެކްރޮން އެކަމުގެ ތުހުމަތު އެޅުވީ އެ ގައުމުގެ މުސްލިމުންގެ ބޮލުގަ އެވެ. ޕޭޓީއާ މެދު ފްރާންސްގެ ގިނަ މުސްލިމުންތަކެއް ހިތްހަމަނުޖެހުނީ އޭނާ ކިޔަވައިދޭ ޕެރިހުގެ ހައި ސްކޫލްގެ ދަރިވަރުންގެ ކައިރީގައި ރަސޫލާ އަށް ނިސްބަތްކޮށް ކާޓުނު ކުރަހައި އިސްލާމްދީނާ ހިލާފުގިނަ ވާހަކަތަކެއް ދައްކާތީ އެވެ. ޕޭޓީގެ އެ އަމަލުތައް ދިފާއުކޮށް މެކްރޮން ވިދާޅުވީ ޕޭޓީ އަށް ދިން ހަމަލާ އަކީ މުސްލިމުންގެ ޓެރަރިސްޓު އަމަލެއް ކަމަށާއި އެކަން ހުއްޓުވޭނީ ދެން ތިބި އެންމެން އެއްބައިވެގެން ކަމަށެވެ.

މި ކަމާ ގުޅިގެން ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނީ ފްރާންސް ގައުމީ ޓީމަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ރައީސް މެކްރޮންގެ ވާހަކަތަކާ ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އެކަމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް އާންމެއްނުވެ އެވެ. އެހެން ނަމަވެސް މެދުއިރުމަތީގެ ބައެއް މީޑިއާ ތަކުންނާއި އިނގިރޭސި ދި ސަން ނޫހުން ރިޕޯޓްކުރީ މެކްރޮންގެ ސަރުކާރާގެ މި ކަންތައްތަކާ މެދު ހިތްހަމަނުޖެހި ޕޮގްބާ ދެން ގައުމީ ޓީމަށް ނުކުޅެން ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެ ވާހަކަތައް މާ ބޮޑަށް ގިނަވެ ފްރާންސްގެ މަޝްހޫރު ނޫސް މަޖައްލާތަކުން ޕޮގްބާގެ ބަހެއް ހޯދަން މަސައްކަތްކުރަން ފެށުމާ ގުޅިގެން ޕޮގްބާ ވަނީ އެ ހަބަރު ދޮގުކޮށްފަ އެވެ. އެ ގޮތުން ދި ސަން ނޫހުގައި ޖަހާފައިވާ ހަބަރުގެ ސްކްރީންޝޮޓެއް ޕޮގްބާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު ޕޮގްބާ ޖަހާފައިވަނީ އެއީ "ފޭކް ނިއުސް" އެއް ކަމަށެވެ. ފަހުން ޕޮގްބާ ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ވެސް އެ މިހެން ލިޔެފަ އެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ޕޮގްބާ.: އޭނާ ވަނީ ދި ސަން ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި.-- ފޮޓޯ: އޭއެފްޕީ

އުމުރުން 27 އަހަރުގެ ޕޮގްބާ މިކަމާ ގުޅިގެން އިންސްޓަރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި މި ދޮގު ހަބަރު ފެތުރުމުގެ ތުހުމަތުތައް ކުރީ ދި ސަން ނޫހަށެވެ. މީގެ ކުރިން ވެސް ދި ސަން އިން ވަނީ ޕޮގްބާއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިފަ އެވެ.

"ދި ސަން އިން މި އޮތީ އަނެއްކާވެސް ހަގީގަތާ ހިލާފުވާހަކައެއް ފަތުރާފައި. އަހަރެންގެ ނަން ބޭނުންކޮށްގެން ހެޑްލައިނެއް ހަދާފައި އޭގެ އަށް މިހާރުގެ ހާލަތާއި ފްރާންސް ގައުމީ ޓީމު ވެސް މި އޮތީ ލާފައި. ދެރަކަމަކީ ބައެއް ނޫސްތަކުން ޒިންމާދާރުކަމާ އެކު އެއް ނޫން މި ކަންތައް ކުރަނީ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމެއް ނޫން. އަހަރެން މި ދޮގު ހަބަރު ފެތުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިން،" ޕޮގްބާ ލިޔެފައިވެ އެވެ.

"ދެން ދި ސަން އަށް ބުނެލަން އޮތީ. ތީގެ ތެރެއިން ބައެއް މީހުން ސްކޫލަށް ގޮސްފައި ހުންނާނީ. ޓީޗަރު ބުނެފައިވާ އެއްޗެއް ހަނދާން ހުންނާނެ ކަންނޭނގެ ހަގީގަތާ ހިލާފު ވާހަކައެއް ޔަގީން ނުވާ ވާހަކަތަކެއް ނުލިޔަން. އެކަމަކު މި ފަހަރު ވެސް ތިއޮތީ އެކަން ކޮށްފައި. މި ފަހަރު ތިކުރީ ވަރަށް ސީރިއަސް ކަމެއް. ތިއީ ލަދުވެދިކަމެއް،"

ފްރާންސް ގައުމީ ޓީމަށް ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ކުޅެ އެވެ. އޭގެ ތެެރެއިން ގިނަ ކުޅުންތެރިން ނިސްބަތްވަނީ އެފްރިކާގެ ގައުމުތަކުގެ އާއިލާތަަކަށެވެ. އޭގެ ތެރެއިން ގިނަ އާއިލާތައް ފްރާންސަށް ހިޖުރަކުރަނީ އެފްރިކާގެ ރެފިއުޖީ ކޭމްޕްތަކުންނެވެ. ޕޮގްބާގެ އާއިލާ ނިސްބަތްވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޮގްބާ އަކީ އާންމުކޮށް ދެ ސީޒަން މެދުތެރެއިން ލިބޭ ބްރޭކުގައި އުުމްރާގެ އަޅުކަން ފުރިހަމަކުރަން ސައުދީ އަރަބިއްޔާ އަށް އެތައް ފަހަރެއްގެ މަތިން ގޮސްފައިވާ ކުޅުންތެރިއެކެވެ.