މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ކުރިއަށް ގެންދިޔަ ސުލްތާން އޮފް ތަނބުރުދޫ ބޮޑީބޯޑީން މުބާރާތް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ކާމިޔާބު ކޮށްފި އެވެ.
މި ހަފްތާ ބަންދުގައި ކ.ތަނބުރުދޫ ކުރިއަށް ދިޔަ މި މުބާރާތުގެ އެއް ވަަނަ ކުޑަަ އައްޔަ ހޯދިއިރު، ދެ ވަނަ އަށް ދިޔައީ ރާއްޖޭގެ ދެ ވަނަ ބޮޑީބޯޑަރު މުހައްމަދު އިހުސާން (ޗިއްކޮ) އެވެ. ތިން ވަނަ ދިޔައީ ލ. އަތޮޅުގެ ބޮޑީބޯޑަރު އަސްވާން މުހައްމަދު (ދޫނި) އެވެ. ދޫނި އަކީ މިދިޔަ އަހަރު އަދާރަން ހުދުރަންފުށީގައި އޮތް މޯލްޑިވްސް އޯޕަންގެ ރޫކީ އޮފް ދި ޓޯނަމެންޓް އެވެ.
މި މުބާރާތުގައި ޖުމްލަ 21 ބޮޑީބޯޑަރުން ވާދަކުރި މި މުބާރާތް ކުރިއަށްދިޔައީ ނޮކައުޓް ސިސްޓަމަށެވެ. އެމްބީބީއޭ އިން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ރާއްޖޭގެ ބޮޑީބޯޑަރުން ކުރިއެރުވުމަށް އިތުރު ފުރުސަތު ތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވީ ބައިނަލްއަގްވާމީ ސެޓްފިކެޓް ހާސިލްކޮށްފައިވާ ދިވެހި ޖަޖުންނެވެ.
ތަނބުރުދޫ ސާފިން ޕޮއިންޓަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓެއް ކަމަށް އެމްބީބީއޭ އިން ބުނެ އެވެ. މި ތަނަކީ ސީއެންއެން އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު 50 ސާފިން ޕޮއިންޓްގެ ތެރެއިން 11 ވަނަ އަށް ރޭންކް ކުރެވުނު ސާފިން ޕޮއިންޓެވެ.
އެމްބީބީއޭ އިން މީގެ ކުރިން އެންމެ ގިނަ މުބާރާތްތައް ކުރިއަށްގެންދަނީ މާލޭ ރާޅުގަނޑުގަ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ރާޅާ އެޅުން މަނާކުރުމުން އެމްބީބީއޭ އަށް މުބާރާތްތައް ކުރިއަށްގެންދިއުމަށް އަންނަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.