ދުނިޔޭގެ ކުޅިވަރު

އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ އޮންރީ މޮންޓްރެއާލް ދޫކޮށްލައިފި

26 ފެބުރުއަރީ 2021 - 09:25

މޮންޓްރެއާލް، ކެނަޑާ (ފެބްރުއަރީ 26) - އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް ސީއެފް މޮންޓްރެއާލްގެ ކޯޗަކަށް ހުރި ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ އެ ކްލަބްގެ ކޯޗުކަން ދޫކޮށްލައިފި އެވެ.

ކެނަޑާ އަށް ނިސްބަތްވާ މޮންޓްރެއާލްގެ ކޯޗުކަމާ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޮންރީ ހަވާލުވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޮންރީގެ ފުރަތަމަ ސީޒަނުގައި ވެސް ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މޮންޓްރެއާލްގެ ގިނަ މެޗުތަކެއް ކުޅެން ޖެހުނީ އެމެރިކާގަ އެވެ.

އޮންރީ އޭނާގެ ރަސްމީ ޓްވިޓާގައި ހިއްސާކުރި ބަޔާނުގައި ބުނެފައިވަނީ މޮންޓްރެއާލް ދޫކޮށްލުމަކީ އޭނާ ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު މި ވަގުތަށް އެންމެ މުހިއްމީ އާއިލާ އަށް އިސްކަން ދިނުން ކަމަށްވާތީ އެ ޓީމާ އެކު ކުރިއަށް ދެވެން ނެތް ކަމަށެވެ.

"އަހަރެންގެ އަމިއްލަ ނަފްސަށް ވެސް މިދިޔަ އަހަރަކީ ވަރަށް އުނދަގޫ އަހަރެއް. އެއީ މި ޕެންޑަމިކް (ކޮވިޑް-19ގެ ހާލަތު) ގެ ސަބަބުން އަހަންނަށް އަހަރެންގެ ދަރިން ގާތަށް ވެސް ނުދެވުނު. އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވެ މެޗުތައް ކުޅެން އެތައް މަސްތަކެއް ވަންދެން އެމެރިކާ އަށް ދާން ޖެހިފައި މި އޮތީ. އެ ހާލަތު އަވަހަކަށް ބަދަލުވާނެ ހެން ހީނުވާތީ އަހަރެން ނިންމީ ކްލަބް ދޫކޮށްލަން. މި ހުރިހާ ކަމަކަށް ވިސްނާފައި އަހަރެން ނިންމީ ލަންޑަންްގައި ތިބި އަހަރެންގެ އާއިލާ ކައިރިއަށް ދާން. މި ވަގުތު އާއިލާ ގާތުގައި ހުރުން މުހިއްމު،" އޮންރީ ބުންޏެވެ.

މޮންޓްރެއާލްގެ ޗީފް އެގްޒެކްޓިވް ކެވިން ގިލްމޯ ވިދާޅުވީ އެ ކްލަބްގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އޮންރީއާ އެކު ކުރިއަށް ދިއުމަށް ކަމަށާއި އޭނާ ދިއުމަކީ ކްލަބަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އެކަމަކު މި ވަގުތުގެ ހާލަތަށް ވިސްނާއިރު އޮންރީގެ ނިންމުން ގޯސް ކަމަށް ބެލެވެން ނެތް ކަމަށް ގިލްމޯ ވިދާޅުވި އެވެ.

އޮންރީގެ ކޯޗުކަމުގައި މޮންޓްރެއާލް އިން ކުރިއެރުންތަކެއް ހޯދި އެވެ. އެމްއެލްއެސްގެ ޕްލޭއޮފްސްގައި ވާދަކުރި އެވެ. އަދި އުތުރު އެމެރިކާގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އޮންރީގެ ކޯޗުކަމުގައި މޮންޓްރެއާލުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް އެ ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ޓޮޓެންހަމާއި ސައުތެމްޓަން އަދި ސެލްޓިކަށް ކުޅުނު މިޑްފީލްޑަރު ވިކްޓަ ވަންޔާމާ އާއި ބާސެލޯނާ އަދި ސްޓޯކް ސިޓީން ފެނުނު ބޯޔާން ކާކިޗް ހިމެނެ އެވެ.

ދާދި ފަހުން ބޯންމައުތުގެ ކޯޗަކަށް އޮންރީ ގެންދިއުމުގެ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު ބޯންމައުތުން ވަނީ ޖޮނަތަން ވުޑްގޭޓް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.

އާސެނަލް ޔޫތު ޓީމު ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި އޮންރީ ދެން ހަވާލުވީ ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ އެވެ. އެ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. އޭގެ ފަހުން އޮންރީ ހަވާލުވީ ފްރާންސްގެ މޮނާކޯއާ އެވެ. އެ ޓީމުގައި މަސައްކަތްކުރި ތިން މަސް ދުވަހު އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވި އެވެ. އޮންރީ މޮންޓްރެއާލާ ހަވާލުވުމުގެ ކުރިން ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454