ވޮޝިންޓަން (ޖޫން 17) - ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން މަރުވި 740 މީހުންނާ އެކު ފުރަތަމަ ބޮޑު ހަނގުރާމައިގައި އެމެރިކާ އިން މަރުވި މީހުންނަށް ވުރެ ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާ އިން މިހާތަނަށް ވަނީ ކޮވިޑް-19 ގައި 119,132 މީހުން މަރުވެފަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އެމެރިކާ އިން މރުވެފައި ވަނީ 116,516 މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން ވަނީ 25,450 މީހުން ޕޮޒިޓިވްވެފަ އެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 2,208,402 މީހުން ޕޮޒިޓިވްވެފަ އެވެ.

ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ އިން މަރުވި މީހުންނަށް ވުރެ ކޮވިޑް-19 ގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު ވަނީ އެޕްރީލް މަހު ފަހުކޮޅު އިތުރުވެފަ އެވެ. ވިއެޓްނާމު ހަނގުރާމައިގައި އެމެރިކާ އިން މަރުވެފައި ވަނީ 58,209 މީހުންނެވެ.

އެމެރިކާގައި ހަލުވިކަމާ އެކު ވައިރަސް ފެތުރުނު ނަމަވެސް ވިޔަފާރިތައް މިހާރު އަންނަނީ ހުޅުވާލަމުންނެވެ. ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އުޅެނީ 20،000 އިން މަތީގަ އެވެ.