ބޮލީވުޑްގެ ކުރީގެ ފިލްމު ޕްރޮޑިއުސަރު ޔާޝް ޗޯޕްރާގެ އަންހެނުން ޕަމޭލާ ޗޯޕްރާ، އުމުރުން 74 އަހަރުގައި މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، ސިއްހީ ހާލަތު ގޯސްވުމާއެކު މީގެ 15 ދުވަސްކުރިން އޭނާ ވަނީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. ދުވަސްކޮޅަކު ވެންޓިލޭޓަރުގައި އޮތުމަށްފަހު، ޕަމޭލާ މަރުވީ މިއަދު ހެނދުނެވެ.

ޕަމޭލާ އަކީ އޭނާގެ ފިރިމީހާ، ޔާޝްގެ ޕްރޮޑަކްޝަން ހައުސް "ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)" އިން އުފެއްދި ފިލްމުތަކަށް ގިނަ ލަވަތަކެއް ކިޔައިދީފައިވާ ކުރީގެ ލަވަކިޔުންތެރިިޔެކެވެ. އޭގެ ތެރޭގައި، 1976 ވަނަ އަހަރު "ކަބީ ކަބީ" ފިލްމާއި، 2002 ވަނަ އަހަރު ނިކުތް "މުޖްސޭ ދޯސްތީ ކަރޯގޭ" ފަދަ ފިލްމުތަކުން އޭނާގެ ލަވަތައް އިވެ އެވެ.

ޕަމޭލާ ވަނީ އަމިއްލަ އަށް ވެސްް ބައެއް ފިލްމު ޕްރޮޑިއުސްކޮށްފަ އެވެ. އަދި "ދިލް ތޯ ޕާގަލް ހެއި" ފިލްމުގެ ކޯ ރައިޓަރެއްގެ ގޮތުގައި ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

ރާނީ މުކަރްޖީ، އޭނާގެ މައިދައިތަ ޕަމޭލާ އާއެކު
ރާނީ މުކަރްޖީ، އޭނާގެ މައިދައިތަ ޕަމޭލާ އާއެކު

ޔާޝް އާއި ޕާމެލާ ކައިވެނިކުރީ 1970 ވަނަ އަހަރު އެވެ. އެ ދެ މީހުންގެ ކައިވެންޏަށް ދެ ދަރިން ތިބެ އެވެ. އެއީ އުދޭ އާއި އަދިތްޔާ ޗޯޕްރާ އެވެ. އަދިތުޔާ އަކީ ކާމިޔާބު ޕްރޮޑިއުސަރު/ ޑައިރެކްޓަރެކެވެ.

ޔާޝްގެ ވަކިވުމަށް ފަހު، އެ އާއިލާގެ ޕްރޮޑަކްޝަން ހައުސް ވައިއާރްއެފް ހިންގުމާ ހަވާލުވެ ހުންނަނީ އަދިތްޔާ އެވެ. އޭނާ ވަނީ ބައްޕަގެ ލެގަސީ އަނބުރާ ގެނެސް، ކާމިޔާބު ގިނަ ފިލްމުތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި، މި އަހަރު ބޮކްސް އޮފީހުގައި ގިނަ ރެކޯޑުތައް މުގުރާލި "ޕަތާން" ފިލްމު ފާހަގަކޮށްލެވެ އެވެ.