އެސިޑް ހަމަލާއެއްގައި ލިބުނު ބޮޑެތި ޒަހަމްތަކުގެ ލަކުނުތައް ހުރި މި ދެ މީހުން މީގެ ކުރިން އުޅުނީ އެ މީހުންގެ މޫނު ދުނިޔެއަށް ފޮރުވައިގެންނެވެ. ނަމަވެސް މިހާރު ތައްޔާރުވަމުން އަންނަނީ ކައިވެންޏަށެވެ.
އިންޑިއާގެ ނާލާ ސަޕޯރާގައި ދިރިއުޅޭ އާރްތީ ޓާކޫރް، 27، ކައިވެނިކުރަން ހަމަޖެހިފައިވަނީ ބުސްވާލް އަވަށުގެ ޕްރަޝާންތު ޕިންގްލޭއާ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ދެ މީހުން ފުރަތަމަ ފަހަރަށް ބައްދަލުވީ ހިއުމަން ރައިޓްސް ލޯ ނެޓްވާކުން އިންތިޒާމްކޮށްގެން މުމްބައީގައި ބޭއްވި އިވެންޓަކުންނެވެ.
އެސިޑް ހަމަލައެއްގައި ޕްރަޝާންތުގެ ހަށިގަނޑުގެ 54 ޕަސެންޓް ފިހުނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާ އަޅައިގަނެގެން ފަހަތުން ހިނގި މީހަކު ދިން ހަމަލާއަކުން ދައްތަ ސަލާމަތްކުރަން އައްޑަނައެއް ފަދައިން ކުރިމައްޗަށް އެރީ ޕްރަޝާންތެވެ.
ޕްރަޝާންތު ބުނި ގޮތުގައި އާރްތީ ފުރަތަމަ ފެނުމާ އެކު ވެސް އޭނާއަށް އާރްތީ ދެކެ ލޯބި ވެވުނެވެ. ނަމަވެސް ޕްރަޝާންތުގެ ލޯބި ގަބޫލުކުރަން އާރްތީއަށް ވަރަށް ވަގުތު ނެގި އެވެ. އޭނާ ކުރިން ދިރިއުޅުނު ގޭގެ ވެރިމީހާ އާއި އިތުރު ތިން މީހަކު އާރްތީ އަށް އެސިޑް ހަމަލާއެއް ދިންތާ ފަސް އަހަރު ވެފައި ވިޔަސް އޭނާއަށް އަދިވެސް އެ ބިރުވެރި ނާމާން ވަގުތުކޮޅު ހަނދާން ނައްތައެއް ނުލެވެ އެވެ.
ޕްރަޝާންތުގެ ކައިވެނީގެ ދައުވަތު އާރްތީ ގަބޫލުކުރީ މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު އެވެ. އެސިޑް ހަމަލާގެ ޝިކާރައަކަށް ވެފައި ތިބި މީހުންނަށް ތާއީދުކުރުމުގެ ގޮތުން އެ ދުވަހު ބޭއްވި "ކޮންފިޑެންސް ވޯކް"ގައި ދެ މީހުންގެ އާއިލާއާ އެކު ބައިވެރިވެ މުޅި ދުވަހު ދެ އާއިލާ އެކުގައި ހޭދަކުރުމަށް ފަހުގަ އެވެ.
"ޖެނުއަރީ މަހު ޕްރަޝާންތު ކައިވެންޏަށް އެހި. ނަމަވެސް އަހަރެން ހުރީ ދުނިޔެ ދެކެ ރުޅިއައިސް ދިރިއުޅުމުން މާޔޫސްވެފައި. ހަމަ ޔަގީނުންވެސް އަހަންނަށް ހަމަލާ ދިން މީހުންގެ މަތިން އަހަރެން އުމުރު ދުވަހަށް ވެސް ހަނދާނެއް ނުނެތޭނެ. ނަމަވެސް ޕްރަޝާންތު އަހަންނާ އެކު ހުރުމުގެ ސަބަބުން އަހަންނަށް އަލުން ހިނިތުންވާން ދަސްވެއްޖެ،" އާރްތީ ބުންޏެވެ.
އެސިޑް ހަމަލާގެ ސަބަބުން އާރްތީގެ ހަށިގަނޑުން 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ މިންވަރެއް ފިހުނެވެ. އަށް ފަހަރު ސާޖަރީ ހަދާފައިވާއިރު އިތުރު ހަތަރު ސާޖަރީ ހަދަން ޖެހިފައިވެ އެވެ. ޕްރަޝާންތަށް އާރްތީގެ އިހްސާސްތައް އެނގޭ ކަމީ އާރްތީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.
އަމިއްލަ ފުރާނަ އަށް ބެލުމެއްނެތި ޕްރަޝާންތު އޭނާގެ ދައްތަ އެސިޑް ހަމަލައިން ސަލާމަތްކުރި ގޮތް އެއީ ހަމަ ހަގީގަތުގައި ވެސް ވަރަށް ހިތްވަރުގަދަ ބަތަލަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެއީ ހަމަ އަޖައިބެއް ކަހަލަ ހިތްވަރުގަދަ މީހެކެވެ. ޕްރަޝާންތުގެ ތެދުވެރިކަން އާރްތީ އަށް ވެސް ވިސްނުނެބެ. އެހެންކަމުން އެސިޑް ހަމަލާއަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ވެސް ކައިވެންޏެއް ކޮށްގެން ދަރިން ހޯދުމުގެ ހުވަފެން ދެކެން ފެށި އެވެ.
އާރްތީ އަށް އިތުރު ހިތްވަރެއް ލިބުނީ އެސިޑް ހަމަލާގެ ފަހުން މި ފާއިތުވީ ފަސް ވަރަކަށް އަހަރު އޭނާއަށް އެހީތެރިވި މީހެއް ކަމަށްވާ އަލޯކް ޑިކްޝިޓްގެ ފަރާތުންނެވެ. އަލޯކް އަކީ ނޫސްވެރިއެއްގެ އިތުރުން އެކްޓިވިސްޓެކެވެ. އަޝޯކްގެ ހަޔާތުގެ ބައިވެރިޔަކަށް ހޮވާފައިވަނީ ވެސް އެސިޑް ހަމަލާގެ ޝީކާރައަކަށްވީ އަންހެންކުއްޖެކެވެ. އެ މީހުންނަށް ދަރިއަކު ވެސް ލިބިއްޖެ އެވެ.
އާރްތީ އާއި ޕްރަޝާންތު ކައިވެނި ކުރަން ނިންމުމުން ދެ ފަރާތުގެ އާއިލާގެ އެންމެންވެސް ތިބީ އުފަލުންނެވެ.
އާރްތީ އާއި ޕްރަޝާންތަކީ ވެސް އެސިޑް ހަމަލާގެ ސަބަބުން ލިބުނު އަނިޔާގެ ބަދަލު ނުލިބި ތިބި ދެ މީހުންނެވެ. އަދި ހަމަލާ ދިން މީހުން މިހާރުވެސް ތިބީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.