ކައިވެންޏަށް އިންކާރު ކުރުމުން ފިރިހެންމީހާ ދިން އެސިޑް ހަމަލާއެއްގައި ޕްރަމޯދިނީ ރައުލްގެ މޫނާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު އޭނާގެ އުމުރުން އެންމެ 15 އަހަރެވެ. މި ހަމަލާގެ ސަބަބުން އޭނާގެ ދެލޮލުގެ ފެނުން ގެއްލުނެވެ. އަދި މޫނުގެ މަސްތައް ވިރިގެން ގޮސް ވަރަށް ބޮޑެތި އައިބުތައް މޫނުގައި އުފެދުނެވެ.
ރާނީގެ ނަމުން މުޚާތަބުކުރާ މި ޒުވާން އަންހެންކުއްޖާއަށް އޭގެ ފަހުން އުޅެން ޖެހުނީ އަބަދުވެސް ހޮސްޕިޓަލުގަ އެވެ. މޫނަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރަން ވަރަށް ބޮޑު ފަސް އޮޕަރޭޝަން ކުރަން ޖެހުނެވެ.
އިންޑިއާގެ އުތުރުގައި އޮންނަ އޮޑީޝާގައި ހުންނަ އޭނާގެ ގޭގައި ހަތަރު އަހަރު ވަންދެން އެނދުން ނުތެދުވެވިފައި ރާނީ އޮތެވެ. އެ ހުރިހާ ދުވަހަކު އޭނާއަށް ޚިދުމަތްކޮށްދިނީ އޭނާގެ ހުވަފަތް މަންމަ އެވެ.
ނަމަވެސް ހޮސްޕިޓަލަށް ދައްކަން ދިޔަ ދުވަހަކު ވަރަށް ހީނުކުރާ ކަހަލަ ކަމެއް ރާނީ އަށް ވަނީ މެދުވެރިވެފަ އެވެ. ރާނީ އަށް އޭނާ އެންމެ ލޯބިވާ މީހާއާ ބައްދަލުވީ އެވެ. ސަރޯޖް ކުމާރު ސަހޫ ނަމަކަށް ކިޔާ މި ފިރިހެން މީހާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ރާނީ އަށް ޚިދުމަތްކޮށްދިން ނަރުހެއްގެ ރައްޓެއްސެކެވެ.
ގަދަފަދަ ވޭނަށް ކެތްނުވެގެން އޭނާ ޑިޕްރެޝަނަށް ދިއުމުން އެކަމުން އަރައިގަތުމުގައި ވެސް ރާނީ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ މި ނަރުހެވެ. މި ނަރުސް ވެފައިވަނީ ރާނީ އާއި އޭނާގެ މަންމަގެ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްތަކުގައި އެމީހުންނަށް ބޮޑު އެހީތެރިކަމެއް ދިން ހަމައެކަނި މީހާ އަށެވެ.
ސަރޯޖްއާ ބައްދަލުވުމަށް ފަހު ރާނީ އަށް ދިރިއުޅުމުގެ އުފާ ފުރަތަމަ ފަހަރަށް ލިބުނެވެ. ދެ މީހުން ބައްދަލުވިތާ މިހާރު އަހަރު ދުވަސް ވެފައި ވާއިރު ވަރަށް އަވަހަށް ކައިވެނިކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. ސަރޯޖް ވަނީ އަދާކުރަމުންދިޔަ ވަޒީފާ އިން ވެސް ވަކިވެ ރާނީ އަށް ޚިދުމަތްކުރުމަށް ހުރިހާ ވަގުތެއް ހުސްކޮށްފަ އެވެ.
ރާނީ ބުނި ގޮތުގައި ސަރޯޖް އޭނާ ގެންގުޅެނީ ހަމަ ހަގީގީ ރާނީއެއް ފަދައިންނެވެ. އަދި އޭނާގެ އެ ސިފައާ އެކު ވެސް އޭނާ ދެކެ ސަރޯޖް ލޯބިވާ ކަމަށް ރާނީ ބުންޏެވެ. އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށް އަބަދުވެސް ސަރޯޖް ހިތްވަރުދޭ ކަމަށާއި ސަރޯޖް އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ނުވި ނަމަ ދުނިޔޭގެ އެއްވެސް އުފަލެއް އޭނާއަށް ނުލިބުނީސް ކަމަށް ރާނީ ބުންޏެވެ.