އިންފްރާރެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާސް ބޭނުންކޮށްގެން އަވަސްކަމާ އެކު ކަކުލުހުޅު ބަދަލުކުރަން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ރޮބޮޓް ގެނެސް، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް މިއަދު ވިދާޅުވީ ރޮބޮޓް ބޭނުންކޮށްގެން ރާއްޖޭގައި މިހާތަނަށް ކުރި ފުރަތަމަ އޮޕަރޭޝަނާއި ދެވަނަ އޮޕަރޭޝަން ވެސް އިއްޔެ އެ ހޮސްޕިޓަލުގައި ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ އިތުރު އޮޕަރޭޝަަންތައް މިއަދު ވެސް އޭޑީކޭގައި ކުރާނެ އެވެ.
"މި އޮޕަރޭޝަން ކުރުމަށް ޓަކައި އަޅުގަނޑުމެން ހޯދި ރޮބޮޓަށް ކިޔަނީ ވެލީސް. ވެލީސް ކިޔާ ރޮބޮޓަކީ މިހާރު މިކަން ކުރުމަށް ޓަކައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެެއް ރޮބޮޓް،" ތަފުސީލާ އެކު އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެލީސް ރޮބޮޓް ބޭނުންކޮށްގެން ކުރަން ފެށި އޮޕަރޭޝަންތަކާ އެކު، ރާއްޖެ މިހާރު ވެފައި ވަނީ ސާކް ސަރަހައްދުަގައި އެ ޓެކްނޮލޮޖީ ބޭނުންކުރާ ދެވަނަ ގައުމަށެވެ.
ރާއްޖެ ފިޔަވައި މި ސަރަހައްދުގައި އެ ޓެކްނޮލޮޖީ ބޭނުންކުރާ އަނެއް ގައުމީ އިންޑިއާ އެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެ ފިޔަވައި ސާކްގެ އެއްވެސް ގައުމެއްގައި މި ރޮބޮޓް ބޭނުންކޮށްގެން ކަކޫ ބަދަލުކުރުމުގެ ހިދުމަތެއް އަދިއެއް ނެތް. އިއްޔެގައި ރާއްޖޭގައި ފުރަތަމަ ފަހަރަށާއި ދެވަނަ ފަހަރަށް މި ރޮބޮޓް ބޭނުންކޮށްގެން ދެ މީހެއްގެ ކަކޫ ވަނީ ބަދަލުކޮށްފައި،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރޮބޮޓް ބޭނުންކޮށްގެން ކަކުލުހުޅު ބަދަލުކުރާ އިރު އެ ސާޖަރީގެ "ޕްރެސިޝަން" ވަރަށް ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ. އެހެންވެ، އެ ސާޖަރީ އަށް ހޭދަވާ ވަގުތު މަދުވެ، ސާޖަރީ އަށް ފަހު ފަސޭހަވުން ވެސް އަވަސްވެ އެވެ. އޭގެ ނަތީޖާއަކީ ބަލިމީހާ ހޮސްޕިޓަލުގައި ބާއްވަން ޖެހޭ ދުވަހުގެ އަދަދު މަދުވެ އެވެ.
"ހަމަ އެހެންމެ އާއްމު ދިރިއުޅުމަށް ނުކުންނަން ނަގާ ދުވަސް ވެސް ވަރަށް ބޮޑުތަނުން މަދުވެގެންދޭ. މިއީ މި ރޮބޮޓް ބޭންނުކޮށްގެން ހިދުމަތް ދިނުމުގެ އެންމެ މުހިއްމު ބޭނުމަކީ. އަދި ކަކޫ ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް މިއީ،" އަފްއާލް ވިދާޅުވި އެވެ.
ކަކުލުހުޅު ބަދަލުކުރުގެ ސާޖަރީ ރޮބޮޓް ބޭނުންގެން ކުރުމުން ، ބަލިމީހާ ހޮސްޕިޓަލްގައި ހޭދަކުރަން ޖެހޭ ދުވަހުގެ އަަަދަދު ހަތް ދުވަހުން ގާތްގަނޑަކަށް ހަތަރު ދުވަހަށް ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ރޮބޮޓްގެ ހިސާބުޖެހުންތަކާއި ކަފާލާ ކަފާލުންތައް އެކިއުރޭަޓް ވުމަކީ ސާޖަރީ އަށް ފަހު މީހާ ފަސޭހަވާން ހޭދަވާ މުއްދަތު ގާތްގަނޑަކަށް 25 ޕަސެންޓް ކުރުވާނެ ކަމެއް ކަން ވެސް އަފްއާލް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ފުރަތަމަ ކުރި ރޮބޮޓިކް ސާޖަރީ އޭޑީކޭގައި އިއްޔެ ކުރިއިރު އެ ރޮބޮޓް އޮޕަރޭޓް ކުރެއްވީ ދިވެހި ޑޮކްޓަރަކަށް ވުން އެއީ ވެސް ތާރީހީ ކަމެކެވެ. އެ ރޮބޯޓް އޮޕަރޭޓް ކުރެއްވީ ކަށީގެ ހާއްސަ ޑޮކްޓަރު ހުސައިން ޝަކީލެވެ.
އިންފްރާރެެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާ ބޭނުންކޮށްގެން ސާޖަރީކުރާ ވެލީސް ރޮބޮޓަކީ ޖޯންސަން އެންޑް ޖޯންސަން މެޑްޓެކްގެ އުފެއްދުމެކެވެ. އެ ރޮބޮޓް ބޭނުންކޮށްގެން އާއްމުކޮށް ސާޖަރީތައް ކުރަން ފެށުމާ އެކު، ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭަޝަނަށް ރާއްޖޭގައި އޮންނަ ވެއިޓިން ލިސްޓަށް ލުޔެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.