މައިކްރޮސޮފްޓް އޮފީސް 365 ވެބް އެޕްލިކޭޝަންތަކުގައި ޕީޑީއެފް ސަޕޯޓް ގާއިމުކުރުމަށް އަޑޯބީން އެބަ މަސައްކަތްކުރެ އެވެ. މިއީ އޮފީސް 365 ބޭނުންކުރާ މީހުންނަށް ވަރަށް ބޭނުންތެރި ޚިދުމަތަކަށް ވާނެ އެވެ.
އޮފީސް 365 ވެބް އެޕްލިކޭޝަންތައް، ޒަމާނަށް ކަމުދާ ގޮތަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފަ އެވެ. އެ ގޮތުގައި އެޕްލިކޭޝަންތަކުގެ ލޭއައުޓް ބަދަލުކޮށް، އެޕްލިކޭޝަންތަކުން ބަރުހެލިކަން ކަނޑުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އޮފީސް 365 ގައި ޕީޑީއެފް ސަޕޯޓް ހިމެނުމަކީ ވެސް މައިކްރޮސޮފްޓުން ގެންނާނެ ކަމަށް ބުނި ބަދަލެކެވެ.
މައިކްރޮސޮފްޓް އޮފީސް ޑެސްކްޓޮޕް އެޕްލިކޭޝަންތަކުގައި، އަޑޯބީ ޕީޑީއެފް ސަޕޯޓް މިހާރު ވެސް ވަނީ ހިމަނާފަ އެވެ. އޮފީސް އެޕްލިކޭޝަންތައް، އާންމު ގޮތެއްގައި، ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓުން އުފައްދާ ލިޔެކިޔުންތައް، ޕީޑީއެފް ފަދަ އުފުލަން ފަސޭހަ ޑިޖިޓަލް ޑޮކިޔުމަންޓް ފޯމެޓަކަށް ބަދަލުކުރެވުމަކީ ވިޔަފާރި އަށް އަދި އިދާރީ މަސައްކަތްތަކަށް ބޮޑު ލުޔެކެވެ.
ޑެސްޓޮޕް އެޕްލިކޭޝަންތައް ފަދައިން، އޮފީސް 365 ވެބް އެޕްލިކޭޝަންތައް ގޮތުގައި ވެސް ހިމެނެނީ، ވޯޑް، އެކްސެލް، އައުޓްލުކް އަދި ޕަވާޕޮއިންޓް ފަދަ އެޕްލިކޭޝަންތަކެވެ. މި އެޕްލިކޭޝަންތަކުގައި ޕީޑީއެފް ސަޕޯޓް ހިމެނުން ވާނީ ކްލައުޑް އޮފީސް ވިޔަފާރީ އަށް ކަސްޓަމަރުން ޝައުގުވެރިކުރުމަށް ހެދޭ މޮޅު އެތިފަހަރަކަށެވެ.
މައިކްރޮސޮފްޓް އަދި އަޑޯބީ ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. މި ދެ ކުންފުނިން އެކުގައި ކުރާ މަސައްކަތްތައް ފެނި ގިނަ ބަޔަކަށް މިއީ އެއްބައެއް ކަމަށް ވެސް ހީކުރެވެ އެވެ. ފޯރަމް ކޮމެންޓްތަކުގައި، ދެ ކުންފުނި އެއްކޮށްލުން މާ ރަނގަޅުވާނެ ކަމަށް ބުނެ ފައި ވެސް ހުރެ އެވެ.
އަޑޯބީ އަދި މައިކްރޮސޮފްޓް ގުޅުން ބަދަހިކުރުމުގެ ފަހަތުގައި ވަނީ ފިޔަފާރި މަންފާ އެވެ. އަޑޯބީ އެޕްލިކޭޝަންތައް، ފޮޓޯޝޮޕް، އިލަސްޓްރޭޓާ އަދި އިންޑިޒައިން ފަދަ ބާރުގަދަ އެޕްލިކޭޝަންތައް، ޓެބްލެޓް ސްޓައިލް ޑިވައިސްތަކުގައި ބޭނުންކުރެވެ ގޮތް ހަދައި ޓަޗްސްކްރީންތަކަށް ފައްކާކުރުމަކީ ވެސް ދެ ކުންފުނި އެކުގައި ކުރާ މަސައްކަތެކެވެ. މިއީ މައިކްރޮސޮފްޓް ސާފަސް ބުކް ފަދަ ޑިވައިސްތައް ހަރުދަނާކުރުމަށް ކުރެވޭ ފިކުރެކެވެ.