ޖަރުމަނުގެ ލިޕްޒިގު ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ)ގެ އެމްބެސަޑަރަކަށް ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފި އެވެ.
ޝާކިއްޓޭ ވަނީ 2014 ވަނަ އަހަރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިޕްޒިގު ޔުނިވާސިޓީން އައިސީސީ އިން ޑިޕްލޮމާ އިން ފުޓްބޯލް ކޯސް ފުރިހަމަކޮށްފަ އެވެ. ޝާކިއްޓޭ 2014 ވަނަ އަހަރު މި ކޯސް ފުރިހަމަ ކުރިއިރު، އޭނާ އަކީ މި ކޯހުގައި ބައިވެރިވި މަދު ދިވެހި ކޯޗުންގެ ތެރެއިން އެކަކެވެ.
މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޖަރުމަނުގެ ފުޓްބޯޅައިގެ މައި އިދާރާ ޑީއެފްބީ އިން ގަބޫލުކުރާ އޭ ލެވަލްގެ ސެޓްފިކެޓެއް ދެ އެވެ. އަދި މި ކޯހުގައި ސްޕޯޓްސް ސައިންސާއި އެހެނިހެން ކުޅިވަރު ކޯޗުންނަށް މުހިއްމު ގިނަ މައުލޫމާތާއި ޓްރެއިނިންތައް އުނގަންނައިދެ އެވެ.
އެމްއޯސީން ދެކޭގޮތުގައި ޝާކިއްޓެ އަށް ލިބުނު މި ރޯލާ އެކު ދިވެހި ކުޅިވަރަށް މީގެ ސަބަބުން ފައިދާތަކެއް ކުރާނެ އެވެ. އަދި ލިޕްޒިގު ޔުނިވާސިޓީ އާއި ދިވެހި ކޯޗުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމްއޯސީން އުއްމީދުކުރެ އެވެ.
އީގަލްސްގައި 17 އަހަރު ވަންދެން މަސައްކަތްކުރިއިރު، ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައި އެ ކްލަބަށް އެ ޔޫތު މުބާރާތުގެ ތަށި މިލްކުކޮށްދިނެވެ. އަދި 2015 ވަނަ އަހަރު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރީ އޭނާ އެވެ. އޭރު ވެސް ލިބޭ ފުރުސަތުތަކުގައި އޭނާ ވަނީ އުމުރުފުރާ ގައުމީ ޓީމުތަކުގައި މަސައްކަތްތަކެއް ކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން ރަސްމީކޮށް އެފްއޭއެމްގެ ކޯޗިން ޓީމާ ޝާކިއްޓެ ގުޅި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގެ މަސައްކަތްތައް ކުރަން ފެށި އެވެ. ގައުމީ ޓީމުގައި ޝާކިއްޓޭ ބޮޑަށް ފާހަގަވާން ފެށީ 2018 ވަނަ އަހަރުގެ މާޗް މަހުގައި ގައުމީ ޓީމުގެ އޭރުގެ ކޯޗު ޕީޓަ ސެގާޓްގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި ހިސާބުންނެވެ. ގައުމީ ޓީމުން 10 އަހަރު ފަހުން 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ތަށި އުފުލާލި ޓީމުގައި ޝާކިއްޓެ މުހިއްމު ދައުރެއް އަދާކުރި އެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޝާކިއްޓެ ވަނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ އިތުރުން 23 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިން އާއި މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި ސައުތު އޭޝިއަން ގޭމްސްގައި ވެސް މަސައްކަތްކޮށްފަ އެވެ.
ސީނިއާ ގައުމީ ޓީމުގެ ކޯޗިން ޓީމަށް ދާދި ފަހުން ގެނެވުނު ބަދަލާ އެކު ޝާކިއްޓެ ވަނީ އެސިސްޓަންޓްގެ މަގާމުން ވަކިވެފަ އެވެ. މި ވަގުތު ޝާކިއްޓޭ މަސައްކަތް ކުރަމުން އަންނަނީ އެފްއޭއެމްގެ ކޯޗިން ޓީމާ އެކުގަ އެވެ. އޭނާ ބޮޑަށް ޝާމިލުވެ އުޅެނީ އުމުރުފުރާ ގައުމީ ޓީމުތަކުގެ ކޯޗިން މަސައްކަތްތަކާއި ޔޫތު ޑިވެލޮޕްމަންޓް ކަންތައްތަކުގަ އެވެ.
ފުޓްބޯޅަ ކެރިއަރުގައި ޝާކިއްޓެ މަޝްހޫރުވެފައިވަނީ އީގަލްސްގެ އޮރެންޖު ޖާޒީގަ އެވެ. އޭނާ އެ ކްލަބަށް 10 އަހަރު ކުޅެދިނެވެ.