ބަންޑާރަ ނައިބްގެ އޮފީހުން 2024 ގައި ހުރިހާ ހަރަދުތަކެއް ވެސް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނަރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވައި ނެރުއްވި ބަންޑާރަ ނައިބްގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓުގައި ބުނީ އެ އަހަރު ފާސްކުރި މާލީ އަހަރުގެ ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ހުރި ރިކޯޑުތަކުގައި އުނި އިތުރުކަމެއް ހުރި ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
ރިޕޯޓުގައި ބުނީ، މައިގަނޑު ގޮތެއްގައި ބަންޑާރަ ނައިބްގެ އޮފީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ކަމަށެވެ. އަދި އެ އޮފީހުގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އޮފީހަށް 2024 އަހަރުގެ ފައިނަލް ބަޖެޓުގައި 34.83 މިލިއަން ރުފިޔާ ހިމެނިއިރު އެ ބަޖެޓުން ބޭނުންކޮށްފައި ވަނީ 34.5 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ހިނގި ހަރަދާއި ޕެންޝަނާއި ވަކި ހިދުމަތަކަށް ނޫން ގޮތަށް ދޭ ފައިސާ އާއި ދަތުރުފަތުރުކުރުމުގެ ހަރަދާއި އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދާއި ތަމްރީނުތަކާއި މަރާމާތުގެ ފައިސާ ހިމެނެ އެވެ.
އޮޑިޓުގައިވާ ގޮތުން އެކަންކަމުގެ ތެރެއިން އެންމެ ގިނައިން ފައިސާ ހަރަދުކުރީ މުވައްޒަފުންނާއި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށެެވެ.
2024 ގެ ބައެއް ތަފާސްހިސާބުތައް:
- ބަންޑާރަ ނައިބްގެ އޮފީހަށް ޖުމްލަ 556 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ މައްޗަށް ދައުވާ ލިބޭ 125 މައްސަލައަކާއި ދައުލަތުގެ ފަރާތުން ދައުވާކުރުމަށް އެދި ހުށަހެޅި 431 މައްސަލައެއް ހިމެނޭ.
- ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކިގެ ތެރެއިން 46 މައްސަލައެއް ނިމިފައިވާއިރު 79 މައްސަލައެއް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދޭ. ދައުލަތުގެ ފަރާތުން ދައުވާކުރުމަށް ކޯޓަށް ހުށަހެޅި 303 މައްސަލައިގެ ތެރެއިިން 169 މައްސަލައެއް ނިމިފައިވާއިރު 134 މައްސަލައެއް ކޯޓުގައި ހިނގަމުން އެބަދޭ. އަދި 162 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލާފައި.
- 2024 ވަނަ އަހަރު ބަންޑާރަ ނައިބްގެ ގާނޫނީ ލަފަޔަށް 941 މައްސަލައެއް ހުށަހެޅުނު. އޭގެ ތެރެއިން 850 މައްސަލައަކަށް ލަފާ ދެއްވި.
- ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކާ 40 ބިމެއް ރައީސް އޮފީހަށް ފޮނުވި.
- އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި ދައުލަތުގެ ވަކީލެއްގެ އެހީތެރިކަމަށް އެދި 289 ފަރާތަކުން ހުށަހެޅުމުން އޭގެ ތެރެއިން ޝަރުތު ހަމަވި 188 ފަރާތަކަށް ވަކީލުން ހަމަޖައްސައިދިން.
- އެކި ކޮމިޓީތަކުގައި ބައިވެރިވުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް ވެސް ބަންޑަރަ ނައިބްގެ އޮފީހުން ކުރިއަށް ގެންދިޔައިރު 2024 ވަނަ އަހަރު ނިމުނުއިރު އެ އޮފީހުގެ މަސައްކަތުގައި ޖުމްލަ 88 މުވައްޒަފުން ހިދުމަތް ކުރަމުންދިޔަ.
ބަންޑާރަ ނައިބްގެ އޮފީހުން ގާނޫނާ ގަވާއިދާ އެއްގޮތަށް 2024 ގައި ހަރަދުތައް ކުރިއިރު މިފަހުން ނެރުނު ގިނަ އޮޑިޓުތަކުގައި ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ހަރަދުތައް ކުރި ގޮތުގެ މައުލޫމާތުތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.