ޓިއުރިން (ސެޕްޓެމްބަރު 23) - ޔުވެންޓަސް އިން އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިން ގައުމީ ޓީމު ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދައިފި އެވެ.

މިއީ އުމުރުން 27 އަހަރުގެ މޮރާޓާ ޔުވެންޓަސްއާ ގުޅުނު ދެ ވަނަ ފަހަރެވެ. އޭނާ ވަނީ ޔުވެންޓަސް އަށް 2014 އިން 2016 އަށް ކުޅެފަ އެވެ. އެ ފަހަރު އޭނާ ޔުވެންޓަސްގައި ދެއްކި ކުޅުމުގެ ސަބަބުން ރެއާލުން ވަނީ އޭނާ އަލުން ގެނެސްފަ އެވެ. އެއީ މޮރާޓާ ޔުވެންޓަސް އަށް އޭރު ވިއްކާލި ކޮންޓްރެކްޓްގައިވާ "ބައިބެކް" މާއްދާގެ ބޭނުން ހިފައިގެންނެވެ.

މޮރާޓާ މި ފަހަރު ޔުވެންޓަސް އަށް އެއް އަހަރުގެ ލޯންގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވިއިރު، ޔުވެންޓަސް އިން ބޭނުން ނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ލޯން އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އެއްބަސްވުން ދާއިމީ ނުކޮށް ލޯން އެއްބަސްވުން އާ ކުރާނަމަ ކޮންމެ ސީޒަނަކަށް 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދައްކަން ޖެހޭނެ އެވެ.

ޔުވެންޓަސްގެ މިހާރުގެ ކޯޗު އަންދްރެއާ ޕިރްލޯއާ އެކު އެ ޓީމަށް ދެ އަހަރު ކުޅުނުއިރު މޮރާޓާ ވަނީ 93 މެޗުން 27 ގޯލު ޖަހައިފަ އެވެ.

އެތުލެޓިކޯ މެޗެއްގެ ތެރެއިން މޮރާޓާ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
އެތުލެޓިކޯ މެޗެއްގެ ތެރެއިން މޮރާޓާ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މޮރާޓާ ޗެލްސީގައި ހުއްޓައި އެތުލެޓީކޯ އިން އޭނާ ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ 18 މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދާއިމީ ކުރި ނަމަވެސް ފަހުން އެތުލެޓިކޯ އިން ނިންމީ މޮރާޓާ ދޫކޮށްލާށެވެ. އެއީ ބާސެލޯނާ އަށް ކުޅެމުން އައި ލުއިސް ސުއަރޭޒް ލިބޭތީ އެވެ.

ޔުވެންޓަސް އިން މޮރާޓާ ގެންދިޔައީ އެ ޓީމަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން ދޫކޮށްލުމަށް ފަހު އެވެ. ޔުވެންޓަސް އިން އެންމެ ފުރަތަަމަ ސުއަރޭޒް ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު އެ ޑީލް ފުރިހަމަކުރެވެން އޮތީ ވަކި މުއްދަތެއްގެ ތެރޭގައި ސުއަރޭޒަށް އިޓަލީގެ ޕާސްޕޯޓެއް ލިބިގެން ކަމަށްވާއިރު، އަންނަ މަހު 5 ގައި ޓްރާންސްފާ މާކެޓްގެ ބަންދުވުމުގެ ކުރިން އެކަން ކުރެވެން އޮތީ ހަނި ފުރުސަތެކެވެ. އެހެންވެ ޔުވެންޓަސް އަށް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މޮރާޓާ ގެނައުމެވެ. އެއީ ޕިރްލޯ އަށް އެނގޭ ކުޅުންތެރިއަކު ހޯދުމުގެ ބޭނުމުގަ އެވެ.

މޮރާޓާ ގެންނަން މަޝްވަރާ ފެށުމުގެ ކުރިން ޔުވެންޓަސް އިން ވަނީ ރޯމާ އަށް ކުޅޭ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯއާ ވެސް ވާހަކަ ދައްކައިފަ އެވެ. ޒެކޯ ދޫކޮށްލަން ރޯމާ އިން އެއްބަސްނުވީ އެ ޓީމުން ނަޕޯލީގެ ޕޮލެންޑް ފޯވާޑް އަރެކް މިލިޗް ނުލިބުމުންނެވެ.