މާޒިޔާގެ ދެ ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި އަމްދާން އަލީ (އެންޑީ) އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

އުއްމީދީ ދެ ޑިފެންޑަރުން ކަމަށްވާ ސަމުއްޓެ އާއި އެންޑީ ވެސް ސޮއިކޮށްފައިވަނީ އިތުރު ތިން އަހަރަށެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މާޒިޔާ އަށް މިދިޔަ އަހަރު ކުޅުނު ޒުވާން މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ވެސް ވަނީ އެއްބަސްވުން އާ ކޮށްފަ އެވެ.

އުފަން ރަށުގެ މަހިބަދޫ ސްޕޯޓްސް ކްލަބް 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމުން ފެނުނު ސަމުއްޓެ އަކީ ފާއިތުވި ތިން އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޒުވާން ކުޅުންތެރިޔާ އެވެ. ސަމުއްޓެ މިހާރުގެ ކްލަބް މާޒިޔާ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ.

ޒުވާން އުމުރުގައި ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދި ސަމުއްޓެ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޑިފެންޑަރެވެ. ދިހަ އަހަރަށް ފަހު ސާފް ސަރަހައްދުގެ ރަށް ތަށި ރާއްޖޭން މިދިޔަ އަހަރު ހޯދިއިރު، ޓީމުގެ ދިފާއީ ތަބެއްގެ ގޮތުގައި އެންމެ އިސް ދައުރެއް އަދާކުރީ ސަމުއްޓެ އެވެ.

ގައުމީ ޓީމަށް ކުރިން ކުޅުނު އެންޑީ މިދިޔަ އަހަރުގެ ބޮޑުބައިގައި ހުރީ ކުޅުމާ ދުރުގަ އެވެ. އެއީ 2017 ވަނަ އަހަރު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ. އަލުން ކުޅުމަށް އެނބުރި އައިސް އެންޑީ ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ބައެއް މެޗުތައް ކުޅެފަ އެވެ.

2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް ފަހު ސަމުއްޓެ (ވ) އާއި އެންޑީ (ވ-2) ޝީލްޑާ އެކު. -- ފޮޓޯ: ނިޝާން އަލީ/މިހާރު
2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް ފަހު ސަމުއްޓެ (ވ) އާއި އެންޑީ (ވ-2) ޝީލްޑާ އެކު. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެންޑީ އަކީ 2011 ވަނަަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ގައުމީ ފުޓްބޯޅަ ޓީމުން ޑްރަގޯ މަމިޗްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ސްކޮޑުގައި ހިމެނި ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދި އެންޑީ އަކީ މިދިޔަ ހަތަރު ވަރަކަށް އަަހަރު މާޒިޔާ އާއި ގައުމީ ޓީމުގައި ގަވައިދުން ކުޅެމުން އައި ކުޅުންތެރިއެކެވެ. އެކަމަކު އަނިޔާވުމުގެ ސަބަބުން ގައުމީ ޓީމުން އެންޑީ އަށް ފުރުސަތު ގެއްލުނީ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ޓީމު ވަރުގަދަ ކުރީ މާޒިޔާ އިންނެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ޓީސީ އަށް ކުޅުނު އިބްރާހިމް ވަހީދު (އިއްބެ)، އަބްދުﷲ ހަނީފް (ބެންޖޯ)، ނިއު ރޭޑިއަންޓަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ވިކްޓަރީ އަށް ކުޅުނު ހުސެއިން ނިހާން (ނިހާޓް) ވެސް ގެނެސްފަ އެވެ.

މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.

އެއްބަސްވުން އާ ކުރި އަނެއް ކުޅުންތެރިންނަކީ މުހައްމަދު އިރުފާން (އިރޭ) އާއި ހަަސަން ޝިފާޒް (ޑުންގާ)ގެ އިތުރުން މޫސާ ޔާމީން (ޔާމްބެ) ހިމެނެ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ދަ ގްރާންޑޭއާ ހަވާލުވެފައިވާއިރު، މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.