ރާއްޖޭގެ ކްރިކެޓް ބޯޑު (ސީބީއެމް) ގެ ރައީސް މުހައްމަދު ފައިސަލް، އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެސޯސިއޭޓް ޑިރެކްޓަރު ކަމަށް ދެވަނަ ފަހަރަށް އިންތިހާބު ވެއްޖެ އެވެ. 

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބޭއްވި އޭސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ އާ ދައުރުގެ އެގްޒެކެޓިވް ބޯޑަށް މެންބަރުން އިންތިހާބު ކޮށްފަ އެވެ. 

ސީބީއެމުން ބުނި ގޮތުގައި އޭޝިއާގެ ކްރިކެޓްގެ މައި އިދާރާގެ ބޯޑަށް ފައިސަލް އިންތިހާބުވުމަކީ، އޭޝިއާގެ ކްރިކެޓަށް އޭނާ ދޭ އަހަމިއްޔަތުކަން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

"ފައިސަލް އަލުން އިންތިހާބުވުމަކީ އޭޝިއާ ކްރިކެޓަށް އޭނާ ދެއްވަމުންގެންދަވާ ހިއްސާ އާއި ސަރަހައްދުގައި މި ކުޅިވަރު ކުރިއެރުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ރަމްޒެއް،" ސޯޝަލް މީޑީއާގައި ކްރިކެޓްބޯޑުން ކުރި ޕޯސްޓްގައި ބުންޏެވެ. 

ބެންކޮކްގައި ބޭއްވި އޭސީސީގެ އަހަރީ ޖަލްސާގެ ހަވާސާއިން އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް މުހްސިން ނަގްވީ (މ)، ކްރިކެޓް ބޯޑް އޮފް މާލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް (ވ) އަދި ބަހްރޭން ކްރިކެޓް ފެޑަރޭޝަންގެ ރައީސް މުހައްމަދު މަންސޫރު (ކ) އާއެކު --- ފޮޓޯ: ސީބީއެމް
ބެންކޮކްގައި ބޭއްވި އޭސީސީގެ އަހަރީ ޖަލްސާގެ ހަވާސާއިން އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް މުހްސިން ނަގްވީ (މ)، ކްރިކެޓް ބޯޑް އޮފް މާލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް (ވ) އަދި ބަހްރޭން ކްރިކެޓް ފެޑަރޭޝަންގެ ރައީސް މުހައްމަދު މަންސޫރު (ކ) އާއެކު --- ފޮޓޯ: ސީބީއެމް

ހާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ފައިސަލް މިހާރުވެ ގެންދަވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ފަރާތުން އޭޝިއާ ތަމްސީލުކުރާ ނޮން ވޯޓިން މަންދޫބުގެ މަގާމު އަދާކުރައްވަމުންނެވެ. އެ މަގާމުގައި މިހާރު އޭނާ ފުރުއްވަމުންގެންދަވަނީ ތިންވަނަ ދައުރެވެ. 

"މިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކްރިކެޓް އިދާރާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ވަރުގަދަވެގެންދާނެ،" އޭސީސީގެ އެގްޒެކެޓިވް ބޯޑުގެ އެސޯސިއޭޓް ޑައިރެކްޓަރުގެ މަގާމާއި އައީސީސީގައި ނޮން ވޯޓިން މަންދޫބުގެ މަގާމު ފައިސަލް އަދާކުރައްވަމުންގެންދަވާ ދައުރަށް އިޝާރާތްކޮށް ސީބީއެމްގެ ސޯޝަލް މީޑީއާގައި ބުނެފައިވެ އެވެ. 

ކްރިކެޓް ބޯޑްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރިން ކުރެއްވި ފައިސަލް، އެ އިދާރާގެ ރައީސްކަމުގައި މިހާރު ފުރިހަމަކުރައްވަމުން އެ ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އެ މަގާމަށް އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ 2021 ގައި ބޭއްވި އިންތިހާބުގަ އެވެ.