އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީކުރި އޯބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި އެ ތަނަކީ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ރިސޯޓެކެވެ. މާލެ ކައިރިން ފަޅެއް ހިއްކައިގެން ހެދި ލޯބިގިލި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނިޓްގެ ތެރޭގައި ދެވޭނެ އެވެ.

އެ ރިސޯޓުގައި 68 ވިލާ ހަދާފައިވާއިރު އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެ އެވެ.

ލޯބިގިލީގެ ވިލާއެއްގެ އެތެރެ-- ފޮޓޯ؛ އެޓްމޮސްފިއާ
ލޯބިގިލީގެ ވިލާއެއްގެ އެތެރެ-- ފޮޓޯ؛ އެޓްމޮސްފިއާ

އެޓްމޮސްފިއާ އިން ވަނީ އެ ރިސޯޓުގައި ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ތަފާތު ހިދުމަތްތައް ތައާރަފު ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ކެއުމަށް ހާއްސަ ތަންތަނެވެ. ދުނިޔޭގެ ހުރިހާ ކުޒީންއަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވާފައިވާއިރު، ޓޭކްއަވޭގެ ހިދުމަތް ލިބޭ ގާޑިޔަލެއް ވެސް ރިސޯޓުގައި ހުރެ އެވެ.

ދުނިޔޭގެ އެކި ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓުގެ ބޭރު-- ފޮޓޯ: އެޓްމޮސްފިއާ
ދުނިޔޭގެ އެކި ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓުގެ ބޭރު-- ފޮޓޯ: އެޓްމޮސްފިއާ

ލޯބިގިލި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ ވެސް ރާއްޖޭގައި މި ވަގުތު އެ ގޮތަށް ހިންގާ ރެސްޓޯރަންޓްތަކުގެ ތެރެއިން އެއް ތަނެވެ.

ލޯބިގިލި ރިސޯޓުގެ ވިލާއެއްގެ ފާހާނާތެރެ: ފޮޓޯ: އެޓްމޮސްފިއާ
ލޯބިގިލި ރިސޯޓުގެ ވިލާއެއްގެ ފާހާނާތެރެ: ފޮޓޯ: އެޓްމޮސްފިއާ

ކެއުމަށް ހާއްސަ ތަންތަނުގެ އިތުރުން ސްޕާގެ ހިދުމަތާއި އެކްސްކާޝަނާއި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ އެވެ.

ލޯބިގިލި ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: އެޓްމޮސްފިއާ
ލޯބިގިލި ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: އެޓްމޮސްފިއާ

އެ ރިސޯޓް ހަދާފައިވަނީ ކަލާސް އޮފް އޯބްލޫގެ ދަށުން ތަރައްގީ ކޮށްފައިވާ އާއިލާފުއްޓާ ގުޅާލައިގެންނެވެ. އާއިލާފުށި ހުޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.