އަންނަ މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ތައިލެންޑަށް ބަދަލުކުރުމަށް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ނިންމައިފި އެވެ.

މި މުބާރާތް ކުރިން ބާއްވަން ރޭވިފައި އޮތީ އަންނަ މަހު 20-27 ގެ ނިޔަލަށް މާލޭގަ އެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިވާ ގައުމުތަކުން އެދުމުން ސަލާމަތީ ސަބަބުތަކަށްޓަކައި މި މުބާރާތް ވަނީ މިހާރު ތައިލެންޑަށް ބަދަލުކޮށްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް (ބޭބެ) "މިހާރަ"ށް ވިދާޅުވީ މުބާރާތް ތައިލެންޑަށް ބަދަލުކުރީ ބައިވެރިވާ ގައުމުތަކުން އެދުމުން ކަމަށެވެ.

"ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލި ކަމާއި ކުއްލި ހާލަތު އިއުލާން ކޮށްފައި އޮތުމުން ސެކިއުރިޓީ ސަބަބުތަކަށްޓަކައި ބައިވެރިވާ ގައުމުތަކުން ބޭނުމެއް ނުވޭ ރާއްޖެ އަންނަން. އެއީ ބޭރުގެ މީޑިއާތަކުގައި ފެތުރިފައިވާ ވާހަކަތަކެއްގެ ސަބަބުން. އެހެންވެ މުބާރާތް މިހާރު އޮތީ ތައިލެންޑަށް ބަދަލުކޮށްފައި،" އަދީލް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެ ފަހަރު ބޭއްވި އޭވީސީ ބީޗް ވޮލީބޯލް ކޮންޓިނެންޓަލް ކަޕްގައި ރާއްޖޭގެ އިތުރުން ފަސް ގައުމުން ވަނީ ވާދަކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ 15 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ބަައްދަލުކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ސަރުކާރުން 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ވަނީ މާލޭގައި ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު އެ މެޗު ރޭގަނޑު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ފަހުން ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ހަވީރު ގަޑިއަށް ބަދަލުކޮށްފަ އެވެ.