މިސް ޔުނިވާސް 2022 ކާމިޔާބު ނުކުރެވުނު ނަމަވެސް، ބަހްރެއިން ތަމްސީލް ކުރި އެވެލިން ހަލީފާ ޝޯ ނިންމާލާފައި ވަނީ ވަރުގަދަ މެސެޖަކާ އެކު ގިނަ ބައެއްގެ ހިތްތައް އަތުލައިފަ އެވެ.
އެވެލިން އަކީ ދުނިޔޭގެ އެކި ގައުމުތަކުން 86 ގައުމެއްގެ ބައިވެރިން ވާދަކުރި މިސް ޔުނިވާސް މުބާރާތުގެ 71 އަހަރުވީ ދިގު ތާރީހުގައި ބަހްރެއިންގެ ފަރާތުން ބައިވެރިވި ދެވަނަ މީހާ އެވެ.
އޭނާ މިސް ޔުނިވާސް ބަހްރެއިން ކާމިޔާބުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މިފަހަރުގެ މުބާރާތުގައި ސްވިމް ސޫޓް ރައުންޑްގައި މިސް ބަހްރެއިން ފެނުނީ ފިޔާތޮށި ކުލައިގެ "ބަރްކިނީ" ނުވަތަ ހަށިގަނޑު އެއްކޮށް ނިވާކޮށްފައި ހުންނަ މުސްލިމް އަދި އަރަބި އަންހެނުންގެ ތެރޭގައި މަގްބޫލް ސްވިމް ސޫޓެއް ލުމަށް ފަހު ކޮނޑުގައި ފޮތިގަނޑެއް އައްސައިގެންނެވެ.
އެ ފޮތިގަނޑުގައި "އަރަބި އަންހެނުން ތަމްސީލު ކުރެވެން ޖެހޭ. މުސްލިމު އަންހެނުންނަށް ވެސް މިސް ޔުނިވާސްއަކަށް ވެވިދާނެ" މިހެން ލިޔެފައި އޮތެވެ. އަދި ފޮތިގަނޑުގެ ތިރީގައި އަރަބި ބަހުން "ހަމަހަމަކަން" ވެސް ލިޔެފައި އޮތެވެ.
މިސް ޔުނިވާސްގެ ސްވިމް ސޫޓު ރައުންޑުގައި ނިވާކަން ކުޑަ ހެދުން ލުން މަޖުބޫރު ނުވި ނަމަވެސް، އަދި މިހާތަނަކަށް ފޮރުވިފައިވާ ހެދުމެއް ލައިގެން ހުރި އެއްވެސް ބައިވެރިއަކު އެ ޓައިޓަލް ކާމިޔާބުކޮށްފައެއް ނުވެ އެވެ.
ފީފާ ވޯލްޑް ކަޕާ ގުޅިގެން ލަސް ކުރި މިސް ޔުނިވާސް 2022 ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ އަރްބާނީ ގޭބްރިއޭލް އެވެ. އެއީ އެމެރިކާގެ ބައިވެރިއަކު އެ މުބާރާތް ކާމިޔާބު ކުރި ނުވަ ވަނަ ފަހަރެވެ.