އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައިވާ އަމުރު ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޭނާގެ އޮފީހަށް ލިބިގެންނުވާ ކަމަށް ނިއު ޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ. 

ނަތަންޔާހޫ ނިއު ޔޯކަށް އައިސްފި ނަމަ ހައްޔަރުކުރާނެ ކަމަށް، މޭޔަރު ކަމުގެ ކެމްޕެއިނުގައި ވެސް ވިދާޅުވެފައިވާ މަމްދާނީ މިހެން ވިދާޅުވީ ސެޕްޓެމްބަރު މަހު ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހަށް ނަތަންޔާހޫ އައިސްފި ނަމަ އޭނާ ހައްޔަރުކުރާނެތޯ ސުވާލުކުރަމުން ދަނިކޮށެވެ. 

މަމްދާނީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ކުރު ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ނަތަންޔާހޫ ނިއުޔޯކަށް ހިނގައްޖެ ނަމަ، އައިސީސީގެ އަމުރު ތަންފީޒުކުރެވޭނެ އެއްވެސް މަގެއް އޮތްތޯ ބެލުމަށް ގާނުނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ދިރާސާއެއް އޭނާގެ އޮފީހުން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސާފުވި ކަމަކީ، އެ އަމުރު ތަންފީޒުކުރުމުގެ އަމިއްލަ ގާނޫނީ ބާރެއް ނިއު ޔޯކު ސިޓީއަށް ލިބިގެންނުވާކަން. ނަމަވެސް ފެޑެރަލް ސަރުކާރަށް އެ ބާރު ލިބިގެންވޭ. އަދި އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އަޅުގަނޑު ފެޑެރަލް ސަރުކާރަށް ގޮވާލަން،" މަމްދާނީ ވިދާޅުވި އެވެ.

ނެދަލޭންޑްސްގެ ހޭގްގައި ހުންނަ އައިސީސީން ނަތަންޔާހޫ ހައްޔަރުކުރަން 2024 ވަނަ އަހަރު އަމުރު ނެރުނީ، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެންނެވެ. 

ނިއު ޔޯކުން ނަތަންޔާހޫ ހައްޔަރުކުރުމުގެ ވާހަކަ އަލުން ދެކެވެން ފެށުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ، އެމެރިކާގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ވީޑިއޯގައި މަމްދާނީ ވިދާޅުވީ، "ލޮލާއި، ހިތާއި ހަމަބުއްދި ހުރި ކޮންމެ މީހަކަށް ވެސް، ނަތަންޔާހޫ ދީފައިވާ ބޮޑެތި ގެއްލުންތައް އެނގެންޖެހޭ" ކަމަށެވެ.

"...އޭނާ އަކީ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހެއްކަން ގަބޫލުކުރަންޖެހޭނެ. އައިސީސީން ކުރާ އެހެން ތުހުމަތުތަކެކޭ އެއްފަދައިން، ނަތަންޔާހޫ ހައްޔަރުކޮށް އޭނާ ކުރި ކުށްތަކަށް ޝަރީއަތް ކުރެވެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން."

ނަތަންޔާހޫގެ އޮފީހުން ވަނީ މަމްދާނީގެ ވާހަކަތަކުގައި އަގެއް ނެތް ކަމަށާއި، އައިސީސީއަކީ ވަކިފަރާތަކަށް ޖެހިފައިވާ އިންސާފެއް ނެތް ކޯޓެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. -- އޭއެފްޕީ