މާދަމާ އޮންނަ ޖަރުމަންގެ ބާލިން މެރެތަންގައި ދުވަން ދިވެހި ސިފައިން ކްލަބްގެ ތިން ދުވުންތެރިޔަކު އިއްޔެ ފުރައިފި އެވެ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެރެތަން ރޭސް ކަމަށްވާ ބާލިން މެރަތަންގައި، ދިވެހި ސިފައިން ތަމްސީލުކުރަން ދިޔައީ، ނޭޕާލުގައި ތަމްރީންތައް ފުރިހަމަކޮށްފައިވާ އަދި މެރެތަންގެ ގައުމީ ރެކޯޑް އޮތް ކޯޕްރަލް ޝިފާޒް މުހައްމަދާއި ސާޖެންޓް މުހައްމަދު ރަޝީދު (މޯޑު) އަދި ސްޓާފް ސާޖެންޓް، ނަސްރުﷲ އަހުމަދެވެ.
މި ތިން ދުވުންތެރިން ވަނީ ޖުލައި މަހު އޮސްޓްރޭލިޔާގައި އޮތް ގޯލްޑް ކޯސްޓް މެރަތަންގައި ވެސް ދުވެފަ އެވެ. އެ ރޭހުގައި ޝިފާޒް، އޭނާ ކުރިން ދެ ފަހަރެއްގެ މަތިން މުގުރާލި ގައުމީ ރެކޯޑް، 2 ގަޑި 35:17 މިނިޓުން ނިންމައިގެން އާކުރި އެވެ.
މީގެ ތެރެއިން، ކޮކާކޯލާ އިން ސްޕޮންސަކޮށްފައިވާ ނަސްރަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރަތަން ފުރިހަމަކުރި ދުވުންތެރިޔާ އެވެ. މާދަމާ އޮންނަ ބާލިން މެރަތަން ވާނީ އޭނާގެ 29 ވަނަ މެރެތަންއަށެވެ.
ތިން ދުވުންތެރިން ނޭޕާލުގައި ތަމްރީންތައް ފުރިހަމަކޮށްފައި ރާއްޖެ އައީ ގޯލްޑް ކޯސްޓް މެރެތަންއަށް ދާށެވެ. އޭގެ ފަހުން ނަސްރު އާއި މޯޑު ވަނީ ސްރީ ލަންކާގައި ވެސް ތަމްރީންތަކެއް ހަދައިފަ އެވެ.
ސިފައިންގެ މެރެތަން ޓީމުގައި އިސްކޮށް ހުންނަ ނަސްރު ބުނީ އެމްއެންޑީއެފުން ލިބެމުން އަންނަ އެހީތެރިކަން ތިން ދުވުންތެރިން ވެސް ވަޒަންކުރާ ކަމަށެވެ.
"ސިފައިންގެ ކްލަބްގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން މިކަން މި ކުރެވެނީ،" ނަސްރު ބުންޏެވެ.