ރަނގަޅަށް ޕްލޭން ކޮށްފި ނަމަ ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ވާނީ ހަމައެކަނި ބޮޑު ތިލަދުންމަތި ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމައްޗަށް މިހާރު ނާޒިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ތިލަދުންމަތި ތަރައްގީކުރާނެ ޕްލޭންތައް ދައްކާލާފަ އެވެ.

ނާޒިމް ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ރާއްޖޭގެ އިތުރުން މުޅި ދެކުނު އޭޝިއާ އަށް ވެސް ވަރަށް މުހިންމު ސަރަހައްދެއް ކަމަށެވެ.

ތިލަދުންމައްޗަކީ ރާއްޖޭގެ މިނިވަންކަމާއި މާލީ ތަނަވަސްކަމަށް މުހިންމު އަތޮޅެއްކަމަށާއި ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީގެ ނާރެހެއްގެ ގޮތުގައި ހަމައެކަނި ފެންނަން އޮތް އަތޮޅަކީ ބޮޑު ތިލަދުންމަތި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ބޮޑު ތިލަދުންމައްޗަކީ ދިވެހި ރާއްޖެއަށް ވަރަށް މުހިންމު ސަރަހައްދެއް. ރަނގަޅަށް ޕްލޭން ކޮށްގެން ތަރައްގީ ކުރެވިއްޖެ ނަމަ ދަންނަވަންތޯ، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރާއްޖޭގެ ތަރައްގީގެ ނާރެހެއްގެ ގޮތުގައި ހިމެނިގެން ދާނެ އަތޮޅެއްގެ ގޮތުގައި ހަމަ އެކަނި ފެންނަ އަތޮޅަކީ މި އަތޮޅު (ބޮޑުތިލަދުންމަތި) ކަން،" ނާޒިމް ވިދާޅުވި އެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ: އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވީ ތިލަދުންމައްޗަށް ބޮޑު ހަ މަޝްރޫއެއް ގެންގުޅުއްވާ ކަމަށް.--  ފޮޓޯ: އެމްއެންޕީ
ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ: އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވީ ތިލަދުންމައްޗަށް ބޮޑު ހަ މަޝްރޫއެއް ގެންގުޅުއްވާ ކަމަށް.-- ފޮޓޯ: އެމްއެންޕީ

ނާޒިމް ވިދާޅުވީ، އޭނާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށައިގެން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ މަންޒިލަކީ ބޮޑުތިލަދުންމަތި ކަމަށް ހެދުމަކީ އެންމެ ރަނގަޅު ނިންމެވުން ކަަމަށެވެ.

އެ ޕާޓީގެ ތަރައްގީގެ ޕްލޭނުގައި ބޮޑު ތިލަދުންމައްޗަށް މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށާއި އެ ޕާޓީގެ ތަރައްގީގެ ޕްލޭނަކީ ތަސައްވުރެއް އޮވެގެން ތައްޔާރުކުރާ ޕްލޭންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑުތިލަދުންމައްޗަށް ހާއްސަކޮށް ކުޅުދުއްފުއްޓަށް ވީ ވައުދުތައް

- ލޯކަލް ޓޫރިޒަމް އާއި އެޑްވެންޗާ ޓޫރިޒަމް ގާއިމް ކުރުން

- ކުޅުދުއްފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރުން

- ލަގްޒަރީ ޝޮޕިންގް ސެންޓަރެއް

- ޖަލާލުއްދީން ކޮލެޖް ދަނާލާއެކު ހުޅުވުން

- ބޮޑެތި ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓްތައް އުފައްދާ ހޮސްޕިޓަލް ތަރައްގީކުރުން

- ކުޅިވަރު ކުރުމަށް އެކުވެނި ތަރައްގީ ކުރުން

އެމްއެންޕީން ރޭ ވަނީ އެ ޕާޓީގެ ތަރައްގީގެ ޕްލޭން ތިލަދުންމައްޗަށް ކޮށްފައިވާ ގޮތް ކިޔައިދީފަ އެވެ. އެ ޕާޓީން އަތޮޅުތައް ބަހާލައި ކޮންމެ ރަށަކަށް ކޮށްފައިވާ ޕްލޭންތައް ވެސް ކިޔައިދީފައިވެ އެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ޕްލޭން ކޮށްފައިވާ ކަންކަން ރޭ ކިޔައިދިނެވެ.