ހދ. އަތޮޅު ކައުންސިލްގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު މުހައްމަދު ސިރާޖު ރޭ ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އަށް އޭނާ ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގަ އެވެ.
އެ ޖަލްސާގައި ސިރާޖު ވަނީ އޭނާގެ ފޯމު މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ހިންގުންތެރިޔާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ހަވާލުކުރައްވައިފަ އެވެ.
ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އޭނާ ހޮވުނީ ވެސް އެމްޑީޕީގެ ފަރާތުންނެވެ.
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވަނީ އެ ރަށުން އިތުރު 25 ޒުވާނަކު ވެސް ޕީޕީއެމަށް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ބައެއް ދާއިރާތަކުގެ ކައުންސިލަރުން ވެސް ހިމެނެ އެވެ. އެ އެންމެންގެ ފޯމު ވެސް ރޭގެ ޖަލްސާގައި ވަނީ އަދުރޭއާ ހަވާލުކޮށްފަ އެވެ.
ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކަށް މުއިއްޒު މިދިޔަ ތިން ދުވަހު ކުރެއްވި ކެމްޕެއިން ދަތުރު ނިންމާލެއްވީ ކުޅުދުއްފުށިންނެވެ. މި ދަތުރުގައި މުއިއްޒު ވަޑައިގެންނެވި އެހެން ރަށްރަށުން ވެސް ގިނަ ބަޔަކު ޕީޕީއެމާ އަލަށް ގުޅުނެވެ.