އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވަސިޓީން ދޭ ޝަރަފުވެރި "އޮނަރަރީ ޑޮކްޓްރޭޓް" އެވޯޑް ބޮލީވުޑްގެ ތަރި ރާނީ މުކަރުޖީއަށް ލިބިއްޖެ އެވެ.

އިންޑިއާގެ ސިނަމާއަށް ރާނީ ހިދުމަތްކުރާތާ 30 އަހަރު ފުރުމާއި ފިލްމީ ދާއިރާގެ ބޭރުން އޭނާ ކޮށްދީފައިވާ އިޖުތިމާއީ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެ ޝަރަފުވެރި އެވޯޑާ ހަވާލުވުމަށް ސްޓޭޖަށް އަރައި، ރާނީއަށް ވަނީ އުފަލުން ގޮސް ރޮވިފަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ލާ ޓްރޯބް ޔުނިވަސިޓީން ވަނީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާނަށް ވެސް މި އެވޯޑް ދީފަ އެވެ.

އެވޯޑު ލިބުމުން އުފާފާޅުކުރަމުން ރާނީ ބުނީ ލާ ޓްރޯބް ޔުނިވަސިޓީން މިފަދަ އޮނަރަރީ ޑޮކްޓްރޭޓެއް ލިބުމަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ލިބުނު އެންމެ އުފާވެރި އަދި ޝަރަފުވެރި އެއް ވަގުތު ކަމަށެވެ.

"އަބަދުވެސް ގަބޫލުކުރެވެނީ ފިލްމުތަކަކީ މީހުންގެ ވިސްނުން ބަދަލުކުރުމުގެ ކުރިން އެމީހުންގެ ހިތްތައް ބަދަލުކޮށްދޭ އެއްޗެއްގެ ގޮތުގައި. އެހެންކަމުން މި ލިބުނު އެވޯޑް ބަލައިގަތުމަކީ ބަހުން ބުނެދޭން އެނގޭވަރަށް ވުރެ ބޮޑު އުފަލެއް،" ރާނީ ބުންޏެވެ.

ރާނީ ބުނީ އަބަދުވެސް ފިލްމުތައް ހިޔާރުކުރަނީ އަމިއްލަ ހިތަށް އަސަރުކުރާ އަދި އަންހެނުން ބާރުވެރިކުރުވާ ކަހަލަ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ކޮންމެ ފަންނާނެއްގެ ކޮނޑުގައި ވެސް އެކްޓްކުރުމުގެ އިތުރުން ގައުމުގެ ސަގާފަތް ދައްކުވައިދިނުމަށް މަސައްކަތްކުރުމުގެ ބޮޑު ޒިންމާއެއް އޮންނަ ކަމަށް ވެސް އޭނާ ބުންޏެވެ. 

މި އެވޯޑްގެ އިތުރުން އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން އިން ވެސް ވަނީ ރާނީގެ 30 އަހަރުވީ ފިލްމީ ކެރިއަރުގައި ކުޅެފައިވާ ފާހަގަކޮށްލެވޭ ރޯލުތަކަށް ސާބަސްދީ "އެކްޓިން އެކްސެލެންސް"ގެ ހާއްސަ އެވޯޑެއް ދީފަ އެވެ.

ރާނީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ބްލެކް" އާއި "ހަމް ތުމް" އާއި "ޔުވާ" އާއި "ބަންޓީ އޯރު ބަބްލީ" އާއި "ނޯ ވަން ކިލްޑް ޖެސިކާ" އާއި "މަރްދާނީ" އަދި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ހިމެނެ އެވެ. "ނޯވޭ"ގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް މިދިޔަ އަހަރު އިންޑިއާގެ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު ވެސް ރާނީއަށް ވަނީ ލިބިފައިވެ އެވެ.

ރާނީ އެންމެ ފަހުން ކުޅުނީ "މަރްދާނީ 3" އެވެ. ޔާޝް ރާޖް ފިލްމްސް އިން އުފެއްދި އެ ފިލްމުގައި އޭނާ ކުޅުނީ ފުލުސް އޮފީސަރު ޝިވާނީ ޝިވާޖީ ރޯއިގެ ރޯލެވެ. މުޅި ދުނިޔެއިން އެ ފިލްމަށް 76.27 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ރާނީ ދެން އެންމެ އަވަހަށް ފެންނާނީ ސިއްދާތު އާނަންދު ޑައިރެކްޓްކުރާ ޝާހުގެ ފިލްމު "ކިންގް" އިންނެވެ. އެ ފިލްމުގައި ދީޕިކާ ޕަޑުކޯން އާއި ސުހާނާ ޚާން އަދި އަބީޝެކް ބައްޗަން ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު 24 ގަ އެވެ.