އިންޑިއާގެ މުމްބާއީގެ އަންދޭރީ ވެސްޓުގައި ހުންނަ، ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަންގެ ގެއަކުން ތިން ފްލޯ ބޮޑު އަގުގައި ބަޔަކަށް ކުއްޔަށް ދީފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އެ ތިން ފްލޯ ކުއްޔަށް ދިނީ އިންޑިއާގެ ނިއުޓްރިޝަން ބްރޭންޑެއް ކަމަށްވާ "ޓްރޫނޭޓިވް އެފްއެންޑްބީ ޕްރައިވެޓް ލިމިޓެޑް" އަށް މަހަކު 33 ލައްކަ ރުޕީސް (34,521 ޑޮލަރު) އަށެވެ. 

ޕްރޮޕަޓީ ރެޖިސްޓްރޭޝަން ލިޔެކިޔުންތަކާ ހަވާލާދީ "ޒެޕްކީ" އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައި ވަނީ އަންދޭރީ ވެސްޓުގެ އޯޝިވާރާ ލިންކް ރޯޑްގައި ހުންނަ "ސިގްނޭޗާ" އިމާރާތުގެ އެންމެ މަތީ ތިން ފްލޯ އެވެ.

އެ ތިން ފްލޯގެ ޖުމްލަ ބޮޑުމިނުގައި 8,428 އަކަފޫޓު ހުރެ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރާ އެ އެއްބަސްވުމުގެ ދަށުން، އަކަފޫޓަކަށް ޖެހެނީ މަހަކު 392 ރުޕީސް އެވެ.

މި މަހު ހަތެއްގައި ރަޖިސްޓްރީކޮށްފައިވާ އެ "ލީވް އެންޑް ލައިސަންސް" އެއްބަސްވުމުގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ކުުއްޔަށް ޖުމްލަ 21.88 ކްރޯޑް ރުޕީސް (2.29 މިލިއަން ޑޮލަރު) ލިބޭނެ އެވެ. މީގެ އިތުރުން، އެ އިމާރާތުގައި 9 ވެހިކަލެއް ޕާކު ކުރާނެ ޖާގަ ވެސް އެ ކުންފުންޏަށް ލިބެ އެވެ. 

އެ އެއްބަސްވުމުގެ ދަށުން ޓްރޫނޭޓިވް އިން ވަނީ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 1.98 ކްރޯޑް ރުޕީސް (ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު) ދައްކާފައި ކަމަށާއި ކޮންމެ އަހަރަކު ކުލީގެ އަދަދަށް ފަސް ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

މި އާ އެއްބަސްވުމާ އެކު އަމީތާބް މުމްބާއީގައި ގެންގުޅޭ ކޮމާޝަލް ރިއަލް އެސްޓޭޓް ޕޯޓްފޯލިއޯ ވަނީ އިތުރަށް ފުޅާވެފަ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އަމީތާބް ނުވަތަ ޓްރޫނޭޓިވްގެ ފަރާތުން ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން، 2023 ވަނަ އަހަރު ވެސް އަމީތާބް ވަނީ މުމްބާއީގެ "ލޯޓަސް ސިގްނޭޗާ" އިމާރާތުން ހަތަރު އޮފީސް ޔުނިޓް ވާނާ މިއުޒިކް ޕްރައިވެޓް ލިމިޓެޑަށް މަހަކު 17.30 ލައްކަ ރުޕީސް (18،000 އަށް ވުރެ ގިނަ ޑޮލަރު) އަށް ކުއްޔަށް ދީފަ އެވެ. މާޗު 2024 ގައި އަމަލުކުރަން ފެށި އެ އެއްބަސްވުމުގައި 12 ޕާކިން ޖާގަ ވެސް ހިމެނެ އެވެ.

މުމްބާއީގެ އިތުރުން، އުއްތަރު ޕްރަދޭޝްގެ އަޔޯދިޔާގައި ވެސް އަމީތާބް އަންނަނީ ރިއަލް އެސްޓޭޓް ވިޔަފާރިކުރަމުންނެވެ. 

ރިޕޯޓްތަކުގައިވާ ގޮތުގައި، އަމީތާބުގެ މިލްކިއްޔާތުގައި މިހާރު 1،600-3،600 ކްރޯޑް ރުޕީސް (190-435 މިލިއަން ޑޮލަރު) އެބަހުއްޓެވެ.