ތިން އަހަރު ފަހުން ހިންދީ ސިނަމާ އަށް ޕްރިޔަންކާ ޗޯޕްރާ އެނބުރި އަންނަ ފިލްމު "ދަ ސްކައި އިޒް ޕިންކް" އަކީ ބެލުންތެރިން ރޮއްވައިލާނެ ވަރަށް ޖަޒުބާތީ ފިލްމެއްކަން އޭގެ ފުރަތަމަ ޓްރެއިލާ އިން ވެސް ވަނީ ފެނިފަ އެވެ.
މި ފިލްމުގައި ޕްރިޔަންކާ ކުޅެފައި ވަނީ ޒުވާން ދެ ކުދިންގެ މައެއްގެ ރޯލެވެ. އޭނާގެ ދަރިންގެ ރޯލް ކުޅެފައި ވަނީ "ޑަންގަލް" އިން ވިދައިލި ބަތަލާ ޒާއިރާ ވަސީމާއި "ޑިއާ ޒިންދަގީ" އާއި "ހިޗްކީ" ފަދަ ފިލްމުތަކުން ފެނިފައިވާ ރޯހިތު ސަރަފެވެ.
މި ފިލްމުގައި ޕްރިޔަންކާގެ ފިރިމީހާގެ ރޯލު ކުޅޭނީ ފަރްހާން އަޚްތަރެވެ.
މި ފިލްމުގެ ހާއްސަ އެއް ކަމަކީ ޕްރިޔަންކާގެ އެ ދައުރު، ތަފާތު ލުކްތަކާ ވެސް އެކު ފެނުމެވެ. "ދަ ސްކައި އިޒް ޕިންކް" އަކީ މިދިޔަ ޖޫން މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ބާރަތު" ދޫކޮށްލާފައި ޕްރިޔަންކާ ކުޅުނު ފިލްމު ވެސް މެ އެވެ.
އެހެންވެ އެއީ ވެސް މި ފިލްމުގައި އޭނާ ކުޅެފައިވާ ކެރެކްޓާ ބަލައިލަން ބެލުންތެރިން ވަރަށް ޝައުގުވެރި ވާނެ ސަބަބަކަށް ވާނެ އެވެ.
ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ މި "ދަ ސްކައި އިޒް ޕިންކް" އަކީ 2015 ގައި މަރުވެފައިވާ އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 11 ގަ އެވެ.
މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި އަންނަ ހުކުރު ދުވަހު "ދަ ސްކައި އިޒް ޕިންކް" ޕްރިމިއާ ކުރަން ވެސް ހަމަޖެހިފައިވެ އެވެ.