އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑް އަހްމަދު ނަދީމް އައްޔަންކޮށްފި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިން ޚިދުމަތް ތަރައްގީ ކުރަން އުފައްދާފައިވާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކުރި ނަދީމަކީ މި ދާއިރާގައި 25 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ނަދީމް އެ މަގާމަށް އައްޔަންކުރަން ނިންމިޔަސް، އޭނާގެ ދައުރު ފެށޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ޓީވީއެމްގައި ހެޑް އޮފް އިންޖިނިއަރިންގެ މަގާމުގައި 11 އަހަރު މަސައްކަތް ކުރެއްވި ނަދީމް މިހާތަނަށް ހުންނެވީ އޭބީޔޫގެ ޓެކްނޮލޮޖީގެ އެންޑް އިނޮވޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ 2008 އިން ފެށިގެން އަދާ ކުރައްވަނީ އޭބީޔޫގެ އެކި މަގާމުތަކެވެ.

އޭބީޔޫގެ މެމްބަރުންގެ ގޮތުގައި 57 ގައުމަކުން 287 ބްރޯޑްކާސްޓަރުން އެބަތިއްބެވެ. އެއީ ތިން ބިލިއަން މީހުންގެ އޯޑިއެންސެކެވެ.