ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ފާހަގަކުރެވޭ މީހުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދޭ ފުރަތަމަ އެވޯޑުގެ ޝަރަފުވެރިން ހޮވައި އިނާމު ދިނުން މިރޭ ހުޅުމާލޭގައި އޮންނާނެ އެވެ.

ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ބާއްވާ "މޯލްޑިވްސްް ބްރޯޑްކާސްޓިން ކޮމިޝަން 2022" ޝަރަފުވެރި ކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޓީވީ ޕްރޮޑަކްޝަންގެ 11 އެވޯޑާއި ރޭޑިއޯ ޕްރޮޑަކްޝަންގެ ހަ އެވޯޑު އަދި ފަނޑިޔާރުންގެ ހާއްސަ ދެ އެވޯޑު މިރޭގެ ހަފުލާގައި ދޭނެ އެވެ. އެ ވޯޑުތަކުގެ އިތުރުން، ރިބްރޮޑްކާސްޓު ކުރުމުގެ ދާއިރާ އަށް ހިދުމަތް ކުރުމުގެ ދެ އެވޯޑާއި ބްރޯޑްކާސްޓު ކުރުމުގެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތް ކުރި މީހަކަށް ހާއްސަ ދެ އެވޯޑު ވެސް ދޭނެ ކަމަށް ބްރޯޑްކޮމުން ބުނެ އެވެ.

ބްރޯޑްކާސްޓިން އެވޯޑު ހުޅުވައިލީ، ޓީވީ އަދި ރޭޑިއޯ ޗެނަލްތަކަށް ހާއްސަ ކޮށްގެންނެވެ.

އެ އެވޯޑު އާއްމުންގެ މެދުގައި ޕްރޮމޯޓުކުރުމަށް މި ދިޔަ ހުކުރު ދުވަހު ވަނީ ސްޕޮންސަރުންނާއެކު ޕްރީ ޝޯ އެއް ހުޅުމާލޭގައި ބާއްވައިފަ އެވެ.

އެވޯޑަށް ނުވަ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލަކުން ހުށަހެޅުންތައް ހުށަހެޅި އެވެ. އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ދިނީ ޖެނުއަރީ 2017 އިން ޑިސެމްބަރު 2021 ގެ ނިޔަލަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުން ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓުތަކަށެވެ.

ބްރޯޑްކާސްޓިން އެވޯޑަށް ހުށަހެޅި މީހުންގެ ޕްރޮޑަކްޝަންތައް ބަލައި ގޮތް ނިންމާ ފަނޑިޔާރުންގެ ޕެނަލުގައި ހިމެނެނީ ބްރޯޑްކާސްޓިން އަދި ޕްރޮޑަކްޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި ޓީވީ ޕްރޮޑަކްޝަންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މަރިޔަމް ޝައުގީ އާއި ޕްރެޒެންޓަރު މަސްއޫދު އަލީ އަދި ޑރ. ލުޖެއިން އިސްމާއިލް ޝަފީގު ހިމެނެ އެވެ. އެ ބޭފުޅުންގެ އިތުރުން ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި މާކެޓިން ދާއިރާ އިން އިމްޖާދު ޖަލީލާއި ދީނީ އިލްމުވެރިޔާ ސާމިޔާ ޒަކަރިއްޔާ ވެސް އެ ޕެނަލުގައި ހިމެނިވަޑައިގަންނަވަ އެވެ.

އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ސްޓެލްކޯ އަދި އެފްއެސްއެމެވެ. ހޮސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.

މި އެވޯޑު ސްޕޮންސާ ކުރި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އާއި ފެނަކަ އާއި އެމްޕީއެލާއި މޯލްޑިވިއަން އެއާލައިނާއި އަލްޝާލީ މެރިން އާއި މެޑްޓެކް އަދި ލިޓަސް ހިމެނެ އެވެ.