ތުރުކީގެ ސެންޓްރަލް ބޭންކުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުގެ ފައިސާ "ލީރާ" ގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.
މިވަގުތު ފައިސާގެ އަގު ހުރީ އެމެރިކާ ޑޮލަރަކަށް 12.49 ލީރާ އެވެ. ޔޫރޯއަކަށް 13.40 ލީރާ އެވެ. މިދިޔަ ދެތިން ދުވަހު ލީރާގެ އަގު ވަނީ އަށް ޕަސެންޓަށް ވެއްޓިފަ އެވެ. މި މުއްދަތުގައި އެވްރެޖްކޮށް އެއް ޑޮލަރުގެ އަގު އުޅެނީ 8 ލީރާ އާއި 9 ލީރާއާ ދެމެދުގަ އެވެ.
މިދިޔަ އަހަރެއްހާ ދުވަހު ތުރުކީ ލީރާގެ އަގު ވަނީ 40 ޕަސެންޓަށް ވެއްޓިފަ އެވެ.
ލީރާގެ އަގު އެހާ ބޮޑަށް ވެއްޓުނީ އެ ގައުމުގެ ސެންޓްރަލް ބޭންކުން ބޭންކްތަކުގެ އިންޓްރެސްޓް ރޭޓް 15-19 ޕަސެންޓަށް ކުޑަކުރުމުންނެވެ.
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރްދުގާން ވިދާޅުވީ، ސެންޓްރަލް ބޭންކް މެދުވެރިކޮށް މި ބަދަލު ގެނައީ އެކްސްޕޯޓް ފުޅާކޮށް އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ސެންޓްރަލް ބޭންކުގެ ނިންމުމާ ގުޅިގެން ތުރުކީގެ އިންޕްލޭޝަން ބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން މުުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި އިގްތިސާދު ދަމަހައްޓަން އެކި ގައުމުތަކުން ތަފާތު ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
ތުރުކީގެ އިގްތިސާދަށް އަންނަ ލޮޅުންތަކުން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުތަކާ ހެދި ސަރުކާރުން ވަނީ މިދިޔަ ދެ އަހަރު ތެރޭ މަރުކަޒީ ބޭންކުގެ ގަވަރުނަރު ތިން ފަހަރަށް ބަދަލުކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ތުރުކީ އަށް ވަނީ ކުޑަވެފަ އެވެ.