ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ބޭނުމުގައި އެމްއެމްއޭއިން "ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޓެޖީ"އެއް އެކުލަވާލުމަށް ދިވެހިންގެ މާލީ ބައިވެރިވުމާ ގުޅޭ ސާވޭއެއް ހަދަން ތައްޔާރުވެއްޖެ އެވެ.
ގައުމީ ފެންވަރުގައި ހިންގާ މި ސާވޭގައި ރާއްޖޭގައި މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަނެ، މާލީ ހިދުމަތްތަކާ މާލީ ކަންކަމާ ގުޅޭ މައުލޫމާތު ހުރި މިންވަރު ބަލާނެ އެވެ. އަދި މާލީ ބައިވެރިވުމާ ގުޅޭ ސިޔާސަތުތައް ހަދައި އޭގެ މަގުސަދުތައް ހާސިލް ކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ވެސް މި ސާވޭގައި ބަލާނެ އެވެ.
އެމްއެމްއޭއިން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހިންގާ މި ސާވޭގައި ރާއްޖޭގެ 63 ރަށަކުން 1500 މީހުން ބައިވެރި ކުރާނެ އެވެ. ސާވޭ އަށް ހޮވޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 10 މީހަކަށް މިނިވަން 50 ގެ ނޫޓު ލިބޭނެ އެވެ. އެއީ 5،000ރ. ގެ ނޫޓެކެވެ.
ސާވޭ ކުރިއަށްގެންދާނީ އަންނަ މަހުގެ ނިޔަލަށެވެ.
އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާތީ، އެފްޖޭއެސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު ސޯދިގު ވަނީ މި ސާވޭ ކުރިއަށްދާ މުއްދަތުގައި އެންމެން ވެސް އެކަމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ސާވޭކުރަން އެ ކުންފުނީގެ ފަރާތުން ދާ މީހުންގެ މައުލޫމާތު ކިޔުއާރުކޯޑެއްގެ ޒަރީއާއިން އެ ކުންފުނީގެ ވެބްސައިޓުން ބަލާލެވޭނެ ކަމަށާއި އެއްވެސް މީހަކަށް އެކައުންޓުގެ މައުލޫމާތު ނުދިނުމަށް އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑުމެންގެ ފަރާތުން ސާވޭ ހަދަން ދާ މީހުން އެކައުންޓުގެ މައުލޫމާތެއް ނުހޯދާނެ. ފައިސާ ދޭށެކޭ ނުބުނާނެ. އެހެންވީމަ އެންމެން ވެސް އެކަމަށް ސަމާލުކަން ދިނުން އެދެން،" ހާމިދު ވިދާޅުވި އެވެ.
"މި ސާވޭއަކީ ވަރަށް މުހިންމު އެއްޗެއް. ރެންޑަމްކޮށް މީހުން ހޮވާލާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެންމެން ވެސް އެއްބާރުލުން ދޭން. މިއީ ރާއްޖޭގެ މާލީ ކަންކަމުގައި އާއްމުން ބައިވެރިކުރުވުމަށް ހުރި ހުރަސްތައް ނައްތާލައި އެންމެން ބައިވެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް."