ބީއެމްއެލް ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްްއެލް އަށް ސީއީއޯއަކު ހޯދަނީ އެ މަގާމުގައި މިހާރު ހުންނެވި ޓިމް ސޯޔާ އާ އެކު އެ ބޭންކުން ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީ އެވެ. އޭގެ ފަހުން އޭނާ އެ މަގާމުގައި ނުހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ބީއެމްއެލް އިން ކުރި އިއުލާނުގައި ވާގޮތުން، މަގާމަށް ހޮވޭ މީހެއްގެ މުސާރަ ކަނޑައަޅާނީ އެ މީހެއްގެ ތަޖުރިބާ އަދި ތައުލީމީ ފެންވަރަށް ބަލައިގެންނެވެ. މުސާރައިގެ އިތުރުން، ހުންނާނެ ތަނަކާއި، ކާރާއި، ސިއްހީ އެލަވަންސްތައް ލިބޭނެ އެވެ.

ސީއީއޯގެ މަގާމުގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ބޭންކިން ހިދުމަތުގެ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އާއެކު ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓް ދާއިރާ އިން ފަސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ. އަދި ބޭންކިން ނުވަތަ ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ގްރެޑުއޭޓް ކޮލިފިކޭޝަނެއް އޮތުމާއި ޕްރޮފެޝަނަލް ބޭންކެއްގެ މެންބަރަކަށް ވުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަހެވެ.